logo

ރާއްޖޭގެ ރަސްމީ ރިޒާވުގައި ބޭރު ފައިސާ ނެތް: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 05:29

ރާއްޖޭގެ ރަސްމީ ރިޒާވުގައި ބޭރު ފައިސާ ނެތް ކަމަށާއި، ނަމަވެސް ގަވާއިދުން ދައްކަންޖެހޭ ދަރަނީގެ ތެރެއިން އިތުރު 50 މިލިއަން ޑޮލަރު ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ދައްކަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރިޒާވް އެއްކޮށް ހުސްވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ބޭނުންކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމު ކަސްޓަމަރުންގެ ފައިސާ ކަމަށެވެ.

ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ބީއެމްއެލް ގައި ހުރި އާންމު ރައްޔިތުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ސަރުކާރުން ވަނީ އެ ބޭންކަށް މަޖުބޫރުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން، ބޭންކުގެ އާންމު ކަސްޓަމަރުން ފައިސާ ނެގުމަށް ކުރާ އެކި މުއާމަލާތްތައް ފުރިހަމަކޮށްދިނުމަށް ބީއެމްއެލްއަށް މިހާރު ވަރަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވަނީ ވިދާޅުވިއެވެ.

އާންމުންނަށް އެމީހުން ޖަމާކޮށްފައިވާ ޑޮލަރު ބޭންކުން ނުނެގިގެން އުޅެނީ ބޭންކްގައި ހުރި ޑޮލަރު ދައުލަތުން ދައްކަންޖެހޭ ލޯނު ދައްކަން ބޭނުންކުރާތީ ކަމަށްވެސް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

މީގެއިތުރުން، އަންނަ ހަފްތާއިން ފެށިގެން ކަސްޓަމަރުންގެ ފައިސާ ނެގުމުގެ މުއާމަލާތްތަކަށް އަލުން ހުއްދަދޭން ބޭންކުން ނިންމާފައިވަނީ، ރިސޯޓުތަކުން ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރާ އުސޫލުގެ ދަށުން ސަރުކާރަށް 160 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބަލައިގެން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެއީ މާލީ ގޮތުން ހަރުދަނާ ސްޓްރެޓެޖީއެއް ނޫން ކަމަށާއި، އެއީ ހަގީގަތަކަށް ނުވާނެ ކަމެއްގެ މައްޗަށް ބިނާކޮށް ކުރާ ބޭކާރު އުއްމީދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ތުހުމަތުތަކާއި ގުޅިގެން ސަރުކާރުގެ މާލީ އިދާރާ ތަކާއި ބީއެމްއެލް އާއި ބުނެފައިވަނީ ބީއެމްއެލްގައި ޑޮލަރު ހުރި ކަމަށާއި، ދަރަނި ދައްކާފައިވަނީ އެސްޑީއެފަށް ޖަމާކޮށްފައިހުރި ފައިސާއިން ކަމަށެވެ.

މީގެ އިތުރުން ދަރަނި ދެއްކުމަށްފަހުގައިވެސް އަސާސީ ބޭނުންތައް ފުއްދަން އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހަރަދުކުރާނެ ފައިސާ ދައުލަތުގައި ހުރި ކަމަށްވެސް އެމްއެމްއޭ އިން މީގެ ކުރިން އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

ޑޮލަރުން ކުރާ ޓްރާންސްފަރ ތައް ކުރުމާއި ހާއްސަ ކޮށް ޓީޓީ ހެދުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު އިތުރުވެފައިވާތީ ކަމަށް ބީއެމްއެލް އިން ދާދި ފަހުން ވަނީ ބުނެފައެވެ. އެކަން ހައްލުކުރަން ބޭންކުން ގިނަގުނަ މަސައްކަތްތައް ކޮށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި އަންނަ ހަފްތާގައި ޑޮލަރުން ހަދާ ޓީޓީ ތަކާއި ޑޮލަރުގެ ޓްރާންސްފަރތައް އާއްމު ހާލަތަށް ގެނެވޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319