logo

ނޭޕާލްގެ ގާނޫނުއަސާސީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 12:45

ނޭޕާލްގެ ގާނޫނުއަސާސީގެ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ރާމްޗަންދުރަ ޕައުޑޭލް އަދި ބޮޑުވަޒީރު ބަލެންދުރަ ޝާހަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

https://wamco.com.mv/

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ގުޅުމަކީ މިއީ ދެ ފަރާތުގެ މެދުގައި އޮތް އިހުތިރާމާއި، ސުލްހަވެރިކަމާއި، ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ކުރިމަގުގައި މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކޮށް، ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލެއްވީ ނޭޕާލްގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޭޕާލްގެ ރައްޔިތުންނަށް އަމާންކަމާއި، އެއްބައިވަންތަކަމާއި ފާގަތި ކުރިމަގަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319