
އަންނަ ހަފްތާއިން ފެށިގެން ޑޮލަރުގެ ޓްރާންސްފާތައް އާއްމު ހާލަތަށް ގެނެވޭނެ: ބީއެމްއެލް

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 10:47
އަންނަ ހަފުތާގެ ނިޔަލަށް ޑޮލަރު ޓްރާންސްފާތައް އާންމު ހާލަތަށް ގެނެވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބީއެލްއެލް އިން މިއަދު ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވަނީ، ބޭންކުން ބޭރުވާ ޑޮލަރުގެ އަދަދު އިތުރުވުމާ ގުޅިގެން، ފާއިތުވި ދެ ހަފުތާގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ބޭންކަށް ވަންނަ އަދި ބޭރުވާ ޑޮލަރުގެ ނިސްބަތް ޒިންމާދާރުކަމާއި ދެމެހެއްޓެނިވި އުސޫލަކުން ބެލެހެއްޓުމަށްޓަކައި، ދާދިފަހުން އީ ކޮމާސް މުއާމަލާތްތަކަށް ލިމިޓް ކަނޑައަޅައި، އެންމެ ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފައިވާކަން ވެސް އެ ބޭންކުން ފާހަގަކުރިއެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، އެޅުނު މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރާއި ލިބޭ ޑޮލަރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ހަފުތާ ނިމުމުގެ ކުރިން ޑޮލަރުގެ މުއާމަލާތްތައް ކުރިން އޮތް އާންމު އުސޫލަށް ރުޖޫއަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ބޭންކުގެ ރަސްމީ މަންސަތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށެވެ.
މީގެއިތުރުން، ބީއެމްއެލް އަކީ މާލީ ގޮތުން ފުރިހަމަ ގާބިލުކަން ލިބިފައިވާ ބޭންކެއްކަން ފާހަގަކުރަމުން، ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކުގެ އިތުރުން މުޅި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހޫތީންގެ ހަމަލާތަކާއެކު އެމެރިކާގެ ސިޔާސަތަށް ފާޑުކިޔުން އަމާޒުވެއްޖެ
26 މިނިޓު ކުރިން

ސްޓެލްކޯގެ ބޯޑަށް ނިޒާމް އައްޔަނުކޮށްފި
35 މިނިޓު ކުރިން

އަސާސީ ބާވަތްތައް ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތް: އިކޮނޮމިކް މިނިސްޓަރ ސައީދު
2 ގަޑިއިރު ކުރިން

މިއަހަރުގެ ދެވަނަ ކުއަރޓަރުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 12.3 އިންސައްތަ ދަށްވެއްޖެ
2 ގަޑިއިރު ކުރިން


