
އަސާސީ ބާވަތްތައް ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތް: އިކޮނޮމިކް މިނިސްޓަރ ސައީދު

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 10:48
އަސާސީ ބާވަތްތައް ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން މިނިސްޓަރު ސައީދު މުހައްމަދު ސައީދު ދެއްވައިފިއެވެ.
ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ ބޮންޑު ދެއްކުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނުހުންނާނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް މިނިސްޓަރ ސައީދު ވަނީ ރައްދު ދެއްވާފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮންޑު ދެއްކުމުން ކާޑާއި ގޭހާއި ތެލުގެ އިތުރުން އަސާސީ ބާވަތްތަކުގެ މުދާ ނުލިބޭނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ޝައްކު އުފައްދައި، އިގްތިސާދީ މާކެޓުގެ އިތުބާރު ގެއްލުވާލުމަށް ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ރާއްޖޭގެ އަސާސީ ބޭނުންތަކަށް ބޭނުންވާ މުދާ ހޯދުމަށް ސަރުކާރުގެ ފުރިހަމަ ގާބިލުކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ހުރަސްއަޅައި، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން ލިބޭނެ ގެއްލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފޯރާނެ ކަމަށެވެ.
ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތުތައް އަލުން ތަރުތީބުކޮށް މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރާއި، އަބޫދާބީ ފަންޑުގެ އިތުރުން ސޮވްރިންގ ގެރެންޓީ ދީފައިވާ ބައެއް ލޯނުތައް ވެސް ދެއްކުން ފަސްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި މުދާ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހޫތީންގެ ހަމަލާތަކާއެކު އެމެރިކާގެ ސިޔާސަތަށް ފާޑުކިޔުން އަމާޒުވެއްޖެ
27 މިނިޓު ކުރިން

ސްޓެލްކޯގެ ބޯޑަށް ނިޒާމް އައްޔަނުކޮށްފި
36 މިނިޓު ކުރިން

އަންނަ ހަފްތާއިން ފެށިގެން ޑޮލަރުގެ ޓްރާންސްފާތައް އާއްމު ހާލަތަށް ގެނެވޭނެ: ބީއެމްއެލް
2 ގަޑިއިރު ކުރިން

މިއަހަރުގެ ދެވަނަ ކުއަރޓަރުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 12.3 އިންސައްތަ ދަށްވެއްޖެ
2 ގަޑިއިރު ކުރިން


