logo

މިއަހަރުގެ ދެވަނަ ކުއަރޓަރުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 12.3 އިންސައްތަ ދަށްވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 ސެޕްޓެމްބަރު 2026 - 10:46

މި އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 12.3 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

https://wamco.com.mv/

އެ އިދާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދެވަނަ ކުއާޓާގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ހުރީ 25 ބިލިއަން ރުފިޔާގައެވެ.

މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ 1.3 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ޙާޞިލުކުރެވިފައި ވަނީ މާލީ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއަށް ލިބުނު ކުރިއެރުމުގެ ސަބަބުންނެވެ.

އިޤްތިޞާދުގެ ބައެއް ދާއިރާތައް ކުރިއެރި ނަމަވެސް، ރާއްޖޭގެ މައި އިޤްތިޞާދީ ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުކޮށް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އެ ދާއިރާ ވަނީ 34 އިންސައްތަ ދަށަށް ގޮސްފައެވެ.

މީގެއިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ވަނީ ކުރިއަށްވުރެ ކުރުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ދަށަށް ދިޔުމަށްފަހު، އެ ދާއިރާއަށް އަދިވެސް އެދެވޭ އަވަސް ރަނގަޅުވުމެއް އައިސްފައެއް ނުވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 3.9 އިންސައްތަ ދަށަށް ގޮސްފައެވެ.

މި ހިނގާ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.5 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319