
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި މޭޔަރު ސައުދު ފުލުހަށް!

އާމިނަތު ޝަޒްލާ - 10 އޯގަސްޓު 2026 - 12:39
ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ އާބާދީގެ ތަފާސްހިސާބުތައް އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
މި މައްސަލައަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކުރިއަށްދާ ތަހުގީގެކެވެ. މެންބަރު ސައުދުﷲ ތުހުމަތު ކުރައްވާ ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން ތިނަދޫ ކައުންސިލުން ވަނީ އެ ރަށުގެ އާބާދީ އިތުރުކޮށް ދެއްކުމަށްޓަކައި ރަސްމީ ލިޔެކިޔުންތަކުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައެވެ.
މި މައްސަލައާ ގުޅިގެން މޭޔަރު ސައުދު "އަސްލު ޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ތައްޔާރީތައް ވަމުންދަނިކޮށް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، މޭޔަރު ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވިއަސް، އޮގަސްޓް 22 ވަނަ ދުވަހު އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ.
މި ދުވަހާ ގުޅިގެން އޮގަސްޓް 20 އިން ފެށިގެން ތިން ދުވަހުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
އާބާދީ އޮޅުވާލި ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން މޭޔަރު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދަކަށް ވީއިރު، މި މައްސަލައިގެ ސަބަބުން ސިޓީގެ ދަރަޖައާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ: އިހުސާން
3 ގަޑިއިރު ކުރިން

ޕީޖީ އޮފީހުގެ 2.0 މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވައިފި
3 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު މައްޗަށްދަނީ ޑޮލަރު ނެތީމަ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން

ސުޕްރީމް ކޯޓް ވާކޮށްލާފައި 1 އަހަރަށްވުރެ ގިނަދުވަސް ބޭއްވި: ޝިފާޒް
5 ގަޑިއިރު ކުރިން


