logo

ޕީޖީ އޮފީހުގެ 2.0 މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 11 އޯގަސްޓު 2026 - 08:27

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ ޕީޖީއޯ 2.0 މަޝްރޫއު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

https://wamco.com.mv/

މިއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅިން ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް އެކަށައަޅާފައިވާ ޒަމާނީ ސިޔާސަތެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ޒަމާނުއްސުރެ ކަރުދާހުގައި ކުރަމުން އައި މަސައްކަތްތައް އެއްކޮށް ނިމުމަކަށް ގެނެސް، ޕީޖީ އޮފީހުގެ ހިދުމަތްތަކަކީ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން، ފަސޭހަކަމާއެކު ލިބޭނެ، ދެފުށް ފެންނަ ހަރުދަނާ ޚިދުމަތްތަކަކަށް ހެދުމެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޓެކްނޮލަޖީގެ އެހީގައި މަސައްކަތްތަކަށް ހުރި ހުރަސްތައް ނައްތާލައި، ދަޢުވާކުރުމުގެ މަރުޙަލާތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަޝްރޫޢުގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޕްރޮސެކިއުޓަރުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.

އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެ، އިދާރީ މަސައްކަތްތައް އަވަސްވެގެންދާނެއެވެ.

މީގެ އިތުރުން، ހެކި ވަޒަންކުރުމާއި ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ޕްރޮސެކިއުޓަރުން ހޭދަކުރަންޖެހޭ ވަގުތު މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެއެވެ.

ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، އޭއައި ބޭނުންކުރި ނަމަވެސް، މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުންނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ޕްރޮސެކިއުޝަންގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ޕީޖީ އޮފީހުން ސިފަކުރެއެވެ.

https://wamco.com.mv/
tel:+9607331319