logo

ގާނޫނު އަސާސީއަށް 16 އަހަރު: ޑިމޮކްރަސީއަށް ކުރާ ދަތުރުގެ ހަދިޔާ

profile

އާމިނަތު ޝަފާ - 07 އޯގަސްޓު 2024 - 19:10

ކުރީގެ ގާނޫނު އަސާސީއެއް/ ފޮޓޯ: ނަޖާހު / އަސްލު ޓީވީ

ކުރީގެ ގާނޫނު އަސާސީއެއް/ ފޮޓޯ: ނަޖާހު / އަސްލު ޓީވީ

މިއަދަކީ 2008 ވަނަ އަހަރު އެކުލަވާލައި އަމަލުކުރަންފެށި ފެހި ގާނޫނު އަސާސީއަށް 16 އަހަރު ފުރުނު ދުވަހެވެ. ދިވެހި ރާއްޖެ ޑިމޮކްރަސީއަށް މިކުރާ ދަތުރުގައި ދިވެހިންނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ ފެހި ގާނޫނު އަސާސީއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ބައެއް ސިޔާސީ ވެރިންގެ ނަޒަރުގައި މިއީ އިސްލާހުކުރެވުނު ގާނޫނު އަސާސީ ނަމަވެސް އަނެއްބައި ސިޔާސީ ވެރިންގެ ނަޒަރުގައި މިއީ ޑިމޮކްރަސީއަށް ހާއްސަކޮށް ކޮށާ މަށައި ތައްޔާރުކޮށްފައި އޮތް މުޅިން އައު ގާނޫނު އަސާސީއެކެވެ.

ލިޔެފައިވާ ގާނޫނު އަސާސީއެއްގެ ދަށުން ރާއްޖޭގެ ދުސްތޫރީ ކަންކަން ފަށާފައިވަނީ 1932 ވަނަ އަހަރު އެކުލަވާލި ފުރަތަމަ ގާނޫނު އަސާސީންނާ ހަމައިންނެވެ. އެއީ 92 މާއްދާގެ މައްޗަށް އެކުލެވޭ އެ ގާނޫނު އަސާސީއެއްގައި އަސާސި ހައްގުތަކާއި ހިންގުމުގެ ނިޒާމާއި ގާނޫނު ހަދާ މަޖިލީހުގެ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނު އަސާސީއެކެވެ.

1952 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ޖުމްހޫރިއްޔަތެއް ގާއިމުކުރި ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާފައިވަނީ 1953 ވަނަ އަހަރުއެވެ. އަދި އެ އަހަރު ޖުމްހޫރިއްޔާ ނިމުމަކަށް އައިސް ވެރިކަން ހިންގުމުގެ ނިޒާމު އަލުން ރަސްކަމަކަށް ވުޖޫދުވުމުން 1954 ގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުނެވެ. އޭގެފަހުން 1964 ވަނަ އަހަރާއި 1967 ވަނަ އަހަރުވެސް އައު ގާނޫނު އަސާސީތަކެއް ވުޖޫދުކުރެވި އަމަލުކުރެވިގެންދިޔައެވެ.

ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި ޖުމްހޫރީ ވެރިކަމެއް ގާއިމްވުމަށްފަހު 1968 ވަނަ އަހަރު މުޅިން އައު ގާނޫނު އަސާސީއަކަަށް އަމަލުކުރަން ފެށުނެވެ.

7 އޯގަސްޓު 2008 ގައި އެކުލަވާލެވުނު އައު ގާނޫނު އަސާސީން ދައުލަތުގެ ތިން ބާރު ވަކިކުރެވުނެވެ. މި ގާނޫނު އަސާސީގައި ތިން ބާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާނޫނު ހެދުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެެވެ.

މި ގާނޫނު އަސާސީގެ އެންމެ ހާއްސަ އެއް ސިފަޔަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންވާ އަސާސީ ހައްގުތަކާއި މިނިވަން ބަޔާންކުރާ ވަކި ބާބެއް ގާނޫނު އަސާސީގައި ހިމެނިފައިވުމެވެ.

މި ހައްގުތައް ލިބުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށްގެން ނުވާނެ ކަމަށާއި ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްކަމަށް ގާނޫނު އަސާސީގައި ވެއެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް ހިފެހެއްޓޭނީ ގާނޫނު އަސާސީއާ ތައާރުޟުނުވާ ގޮތެއްގެ މަތިން މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ.

ގާނޫނު އަަސާސީއަށް އަމަކުކުރަންފެށިފަހުން 2016 ވަނަ އަހަރު އޭރުގެ ރައީސް ޔާމީންގެ ސަރުކާރުން ތަސްދީގުކޮށް މިހާރު އުވާލާފައިވާ އަބުރު ރައްކާތެރިކުރުމުގެ ގާނޫނަކީ އެ ގާނޫނަކާމެދު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ގާނޫނެކެވެ.

މި ގާނޫނު އަސާސީގެ ސަބަބުން އައި އެންމެ ބޮޑު ސިޔާސި ބަދަލީ ވެރިކަން ހިންގުމާއި ދައުލަތާއި ގައުމުގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް ލިބިގެންދިއުން ކަމަށްވީއިރު މިއަދު ގާނޫނު އަސާސީއަށް 16 އަހަރު ފުރުން ފާހަގަކުރާއިރު ސުވާލަކީ ގާނޫނޫ އަސާސީން ކަށަވަރުކޮށްދިން ހައްގުތައް ރައްޔިތުންނަށް ލިބުނީ ކިހާ މިންވަރަކަށްތޯއެވެ. ފެހި ގާނޫނު އަސާސީގެ ފެހިކަން ރައްޔިތުންނަށް ލިބުނީ ކިހާ މިންވަރަކަށް ތޯއެވެ.

https://wamco.com.mv/
tel:+9607331319