logo

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާ ގުޅޭ ގާނޫނަށް އިސްލާހު ހުށަހަޅަނީ

profile

ޝާމާ ޝުޢައިބު - 31 އޮކްޓޯބަރު 2024 - 19:15

ރައިސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގައި

ރައިސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގައި

ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު، މި ފެށޭ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު އެ ގާނޫނުގެ 515 ވަނަ މާއްދާގައި ވަނީ، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށްތައް ބަޔާން ކޮށްފައެވެ.

އެގޮތުން ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދަމަހައްޓާފައިވާނަމަ އެކަމެއް ކުރާ މީހަކު އެކުރަނީ ކުށެކެވެ.

ކުށުގެ އަމަލެއް ކަމަށް ބެލެވޭ އިތުރު ކަންކަމުގެތެރޭގައި ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުން ނުވަތަ މިލްކުކުރުން ނުވަތަ އެއިން ފަރާތެއްގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން އެއްވެސް މީހެއްގެ ނަމުގައި، ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ޖިނާއީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއްކަމަށް ނުވަތަ މުދަލެއް ކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުމާއެކު އެފަދަ މުދާ ނުވަތަ ފައިސާ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދި މުދަލެއްކަން ނުވަތަ ފައިސާއެއްކަން ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއްކަން އެމީހަކަށް އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށްނުދެވިއްޖެނަމަ އެއީ ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ، އެފަދަ ކުށެއް ކުރީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތަކުން ކަމުގައިވާނަމަ، އެ ކުށަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319