logo

އަނެއްކާވެސް އެފްއޭއެމްގެ މައްޗަށް ފައިސާ ދައްކަން ހުކުމެއް، މިފަހަރު ވެމްކޯއަށް!

profile

ޒިދާން މުޙައްމަދު - 06 ޖުލައި 2024 - 21:40

އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެލްކޯ)އިން ކުނި އުކުމުގެ ޚިދުމަތް ހޯދުމަށްފަހު، ފައިސާ ނުދައްކާތީ އެ ކުންފުންޏަށް ދައްކަންޖޭ ފައިސާ ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން މިއަމުރުކުރީ ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނަގައިދިނުމުން އެ ހިދުމަތަށްވާ ފައިސާ ދައްކާފައި ނުވާ މައްސަލާގައި ވެމްކޯއިން އެފްއޭއެމާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ޝަރީއަތް ހިންގައި ކުރި ހުކުމްގައެވެ. އެއީ ޖުމުލަ 39،000 ރުފިޔާ. މިމައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުން އެފްއޭއެމްއިން ކޯޓުގައި ޖަވާބުދާރީ ވެފައެއް ނުވެއެވެ.

އަދި ކޯޓަށް ހާޒިރުވެފައި ނުވާތީ އެފްއޭއެމްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކުރީ ރަސްމީ ތިން ދުވަހުގެ ތެރޭގައި، ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

މިއީ، އެފްއޭއެމްގެ މައްޗަށް ނިމިދިޔަ ހަފްތާ ސިވިލް ކޯޓުން ކުރި ތިންވަނަ ހުކުމެވެ. މި ތިން ހުކުމް ވެސް ކޮށްފައި ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައެވެ.

އެންމެ ފުރަތަމަ އާދިއްތަ ދުވަހު އެފްއޭއެމްގެ މައްޗަށް ހުކުމްކުރީ ކުންފުންޏަކުން ދަރަންޏަށް ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި 30 ދުވަހުގެ ތެރޭގައި 776،000 ރުފިޔާ ދެއްކުމަށެވެ. އަދި ޑޮލަރުން އަނބުރާ ދައްކާ ގޮތަށް އަމިއްލަ ފަރުދެއްގެ އަތުން މިދިޔަ އަހަރު ދަރަންޏަށް ނެގި 308،400 ރުފިޔާ ނުދެއްކުމުން، އެއަށް ވާ 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ވާ 27،000 ރުފިޔާ 10 ދުވަސް ތެރޭގައި ދައްކަންވެސް އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

tel:+9607331319