ޝިހާބާއި ކުރީގެ މެމްބަރު ނާޒިމް ޖޭޕީއަށް!
އަހުމަދު ޒަލީފު - 03 އޯގަސްޓު 2023 - 09:00
—
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީ އަށް ދެންމެ ސޮއިކުރައްވައިފި އެވެ.
މި ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރައްވާފައި ވަނީ މިހާރު ކުރިއަށްގެންދާ ހާއްސަ އިވެންޓެއްގައެވެ. މި އިވެންޓްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ގާސިމް ވިދާޅުވީ، މި ދެ ބޭފުޅުން ޖޭޕީއާއި ގުޅިވަޑައިގަތުމުން ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ނާޒިމަކީ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވަރަށް ގާތް ބޭފުޅެކެވެ. ނަމަވެސް ޑީއާރުޕީ އާއި ޕީއޭ އަދި ޕީޕީއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ނާޒިމާއި ޔާމީނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ޔާމީނާ ދުރަށް ވަޑައިގަތީ އެވެ. އަދި ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު އައި 25 އަހަރުގެ ޖަލު ހުކުމާ އެކު އެ ގުޅުން އިތުރަށް ގޯސްވެ، އެއްކޮށް ގުޅުން ކެނޑުނީ އެވެ.
ޝިހާބަކީ ޖޭޕީ އުފެދިއްތާ ކުރީކޮޅު ވެސް އެ ޕާޓީގެ އިސް މެމްބަރެކެވެ. އެކަމަކު، ސިޔާސީ މަސްރަހަށް އަދި ބަދަލުތަކާ އެކު ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ.
މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ހަމަޖައްސާފައެވެ.
އަލީ ވަހީދު މީގެކުރިން ހުންނެވީ ޖޭޕީގެ ރައީސް ކަމުގެ މަގާމުގައެވެ. އެކަމަކު، އެ ޕާޓީގެ ގަވައިދަށް ގެނައި އިސްލާހެއްގެ ދަށުން ޖޭޕީގެ ރައީސްކަމުގެ މަގާމު އުވާލުމުން އެ މަގާމު ގެއްލުނީއެވެ.
އަލީ ވަހީދުގެ މައްޗަށް ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް މީގެ ދެ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފައެވެ.
އެކަމަކު، މިދިޔަ ޖޫން މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފައެވެ. ޕީޖީން ކުރިން ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހްގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ގާސިމްގެ އިންތިހާބީ އެޖެންޓްކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޖޭޕީގެ އޮފީހުގައި ބޭއްވި ހަފުލާއެއްގައި ގާސިމެވެ.
ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖެއްސި އިރު، އޭނާގެ ސްޕެޝަލް އެޑްވައިޒަރަކަށް ވެސް އިއްޔެ ވަނީ ހަމަޖައްސައިފައެވެ. އަލީ ވަހީދަކީ މިހާރު ވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން