logo
މިޔަންމާ ދޫކޮށް ފިލައިގެން ދިޔަ ރޮހިންޔާ ރެފިއުޖީން، ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ކޭމްޕެއްގައި އެހީ ހޯދުމަށް މަސައްކަތް ކުރަނީ. 24 ސެޕްޓެމްބަރު 2017. [ކެތަލް މެކްނޯޓަން/ރޮއިޓާސް]

މިޔަންމާ ދޫކޮށް ފިލައިގެން ދިޔަ ރޮހިންޔާ ރެފިއުޖީން، ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ކޭމްޕެއްގައި އެހީ ހޯދުމަށް މަސައްކަތް ކުރަނީ. 24 ސެޕްޓެމްބަރު 2017. [ކެތަލް މެކްނޯޓަން/ރޮއިޓާސް]

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ގަތުލުއާންމު ހިންގިކަން ސާބިތުވެއްޖެ

profile

އާމިނަތު ޝަޒްލާ - 19 ނޮވެމްބަރު 2026 - 12:22

އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ މުސްލިމް ރޮހިންޖާ ނަސްލުގެ މީހުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާފައިވާ ކަމަށް ބުރާސްފަތި ދުވަހު ކަނޑައަޅައި ހުކުމްކޮށްފިއެވެ.

https://wamco.com.mv/

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތާރީޚީ ހުކުމް އިއްވާފައިވަނީ މިޔަންމާ ސިފައިން ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 730,000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރަން މަޖުބޫރުވި ހިތާމަވެރި ހާދިސާތަކާ ގުޅިގެންނެވެ.

ކޯޓުގެ ނިންމުން އިއްވަވަމުން އައި.ސީ.ޖޭ ގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، 9 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކޯޓުން ނިންމާފައިވަނީ މިޔަންމާގެ ރާޚައިން ސްޓޭޓްގެ އުތުރުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެ ގައުމުން ގަތުލުއާންމު ހިންގާފައިވާ ކަމަށެވެ. އަދި މިއީ 1948 ގެ "ޖެނޮސައިޑް ކޮންވެންޝަން" ނުވަތަ ގަތުލުއާންމު މަނާކުރާ މުއާހަދާގެ ދަށުން މިޔަންމާއިން އުފުލަންޖެހޭ ބައިނަލްއަގުވާމީ އިލްތިޒާމުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ދައުލަތަކުން ގަތުލުއާންމެއް ހިންގާފައިވާ ކަމަށް އައި.ސީ.ޖޭ އިން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި މިއީ ނާޒީން ހިންގި ހޮލޮކޯސްޓަށް ފަހު، ބައިނަލްއަގުވާމީ ކޯޓަކުން މިފަދަ ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށް ނިންމި ހަތަރުވަނަ ފަހަރެވެ.

މި މައްސަލައަކީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ދަ ގެމްބިއާއިން އިސްނަގައިގެން 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ގެމްބިއާއިން ތުހުމަތުކޮށްފައިވަނީ މިޔަންމާއިން މަސައްކަތް ކޮށްފައިވަނީ ރޮހިންޖާ ދަރިކޮޅު އެއްކޮށް ނައްތާލުމަށެވެ. އެހެންކަމުން ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މި ޖަރީމާ ހިންގުމުގައި ޒިންމާވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގެމްބިއާއިން ވަނީ އެދިފައެވެ. ނަމަވެސް މިޔަންމާއިން ދިފާއުގައި ބުނަމުންދިޔައީ އެ ގައުމުގެ އަސްކަރީ އޮޕަރޭޝަނަކީ "އަރާކަން ރޮހިންޖާ ސަލްވޭޝަން އާމީ" (އާސާ) އިން ފުލުހުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިންގި ކަމެއް ކަމަށެވެ.

ތިން ގަޑިއިރަށް ދެމިގެންދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސިފައިން ގާތްގަނޑަކަށް 10،000 އެއްހާ ރޮހިންޖާ މުސްލިމުން މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

ފަނޑިޔާރު އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް ޤަތުލުކޮށް، ފުޅާ ދާއިރާއެއްގައި ޖިންސީ ގޯނާކުރުމުގެ އިތުރުން، ކުޑަކުދިންނާ ދެކޮޅަށް ލާއިންސާނީ ރަހުމުކުޑަ ޖަރީމާތަކެއް ހިންގާފައިވާކަން ކޯޓަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އަމާންކަން ހޯދުމަށްޓަކައި ބަންގްލަދޭޝްއަށް ހިޖުރަކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މީހުންނަށް ވެސް އެ ބާރުތަކުން ހަމަލާދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޯޓުން ނިންމި ނިންމުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ހިންގާފައިވާ މި ލާއިންސާނީ ޖަރީމާތަކުގެ ހެކިތަކަށް ބަލާއިރު، ރޮހިންޖާ މުސްލިމުންގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތް އެ ގައުމުގެ ކިބައިގައި އޮތްކަން ސާފުވާ ކަމަށެވެ. އަދި އަސްކަރީ ހަރަކާތްތަކުގައި ހަތިޔާރު އެޅި އާންމުން ބައިވެރިވުމަކީ ނަސްލު ނައްތާލުމުގެ ނުރައްކާ އޮތް ކަމެއްކަން ސަރުކާރަށް އެނގެންވާނެ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް މިޔަންމާގެ މައްޗަށް އޮތް ބައިނަލްއަގުވާމީ ޒިންމާއާ އެ ގައުމުން ޚިލާފުވެފައިވާ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
tel:+9607331319