
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާދިން ހަމަލާގައި ޝަހީދުވެފައިވާ މީހަކު ގެންދަނީ،،، ފޮޓޯ: އަލް ޖަޒީރާ
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 4 މީހުން ޝަހީދުކޮށްލައިފި

އާމިނަތު ޝަޒްލާ - 21 ނޮވެމްބަރު 2026 - 13:13
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހޮނިހިރު ދުވަހު ދިން ނުރައްކާތެރި ހަމަލާތަކެއްގައި، މަދުވެގެން ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ އަލް-ބަލަދު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ ފިރިހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.
މީގެއިތުރުން، ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ ތެލް އަލް-ހަވާ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ވައިގެ ހަމަލާއެއްގައި ތިން މީހަކު ވަނީ އެތަނުން ޝަހީދުކޮށްލާފައެވެ.
އަދި ހަމައެއާއެކު، ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ އަލް-މަވާސީގެ 19 ވަނަ ޖަންކްޝަން ކައިރީގައި ކަރަންޓު ބައިސްކަލެއްގައި ދަތުރުކުރި ޒުވާނަކަށް އަމާޒުކޮށް އިސްރާއީލުގެ ޑްރޯނަކުން ދިން މިސައިލް ހަމަލާއެއްގައި ތިން މީހަކު ޒަހަމްވެފައިވެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ރައްކާތެރިކަން ހޯދުމަށް ޖަހާފައިވާ ނިކަމެތި ވަގުތީ ފޭލިގެތަކަށް އިސްރާއީލުގެ ޓޭންކުތަކުން ދިން ބޮޑުބަޑީގެ ހަމަލާތަކެއްގައި އަންހެނަކާއި ކުޑަކުއްޖަކު ހިމެނޭހެން އެތައް އާންމުންނެއް ޒަހަމްވެ، ފަރުވާއަށް ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.
މި ހަމަލާތަކާއެކު، އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު 74,736 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހޮނިހިރު ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. ސިއްހީ އިދާރާތަކުން ހާމަކުރި ގޮތުގައި، މި އަދަދުގެ ތެރޭގައި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބައިނަލްއަގުވާމީ ގޮތުން އިއުލާނުކުރި "ސީޒްފަޔަރ" ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލި 1,671 މީހުންވެސް ހިމެނެއެވެ.
ބައިނަލްއަގުވާމީ މުޖުތަމައުއިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވާލަމުންދިޔަ ނަމަވެސް، އިސްރާއީލުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކަށް ތަކުރާރުކޮށް ގޮންޖަހައި، ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ހޮސްޕިޓަލްތަކަށާއި، ރެފިއުޖީ ކޭމްޕުތަކަށް މެދުކެނޑުމެއްނެތި ބޮންއަޅަމުންނެވެ. ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، އަދި ޒަރޫރީ ބޭސްފަރުވާގެ ސާމާނު އެތެރެވިޔަނުދީ ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ ބަނޑުހައިހޫނުކަމާއި ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ހިންގަމުންދާ މި ބޮޑު ގަތުލުއާންމަކީ ސީދާ ނަސްލުހޭދަކުރުމުގެ (ޖެނޮސައިޑް) އަމަލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކުށްވެރިކުރަމުންނެވެ. ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ކޯޓުތަކުގެ އަމުރުތަކަށް ބެލުމެއްނެތި، އިސްރާއީލުން ދަނީ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ހާސް އާންމުންނެއް ޝަހީދުކޮށް، ޣައްޒާ މުޅިން ސުންނާފަތިކުރުމުގެ އަމަލުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަދިވެސް ތަހުގީގު ކުރިއަށްދަނީ: ފުލުހުން
12 ގަޑިއިރު ކުރިން

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
12 ގަޑިއިރު ކުރިން

ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، މީހަކަށް އަނިޔާވެއްޖެ!
13 ގަޑިއިރު ކުރިން

އަޅުގަނޑުވެސް ބޭނުމީ ރަސްމާލެ ބޭރުބަޔަކަށް ނުދީ ދިވެހިންނަށް ލިބެން: ރައީސް ނަޝީދު
13 ގަޑިއިރު ކުރިން


