
ތިނަދޫ ސިޓީ ޕަބްލިކް ހެލްތް ޔުނިޓް
ތިނަދޫ ސިޓީ ޕަބްލިކް ހެލްތު ޔުނިޓުގެ ޚިދުމަތް ނުދޭތާ 3 ދުވަސް، ބުނި ތާރީޚުގައިވެސް ނުފެށުނު
.png&w=3840&q=75)
އަހުމަދު ޖަމީލް - 17 ނޮވެމްބަރު 2026 - 17:05
ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓު ހިންގަމުން އަންނަ "އުފާގެ" މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ، އެތަނުން ދެމުން އައި ޚިދުމަތްތައް މެދުކެނޑިފައިވާތާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ. އަދި ހޮސްޕިޓަލުން ކުރިން އިއުލާނުކުރި ތާރީޚުގައިވެސް އެ ޔުނިޓުގެ ޚިދުމަތް އަލުން ފެށިފައެއް ނުވެއެވެ.
އެ ހޮސްޕިޓަލުން ކުރިން ބުނެފައިވަނީ، ޕަބްލިކް ހެލްތު ޔުނިޓު (އުފާގެ) މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ އެ ޔުނިޓުން ދެމުންގެންދާ އާންމު ޚިދުމަތްތައް އަލުން ދޭން ފެށޭނީ އަންގާރަ ދުވަހު (17 ނޮވެންބަރު) ގައެވެ. ނަމަވެސް އެ ތާރީޚު ފަހަނައަޅައި ދިޔައިރުވެސް އެތަނުގެ ޚިދުމަތް އަލުން ފެށިފައި ނުވާއިރު، މި މުއްދަތުގެ ތެރޭގައި އެ ޔުނިޓުގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގޭގައި ތިބެގެން (ވޯކް ފްރޮމް ހޯމް) ކަމަށް މައުލޫމާތު ލިބެއެވެ.

ޕަބްލިކް ހެލްތު ޔުނިޓު ހިންގުމަށްޓަކައި "އުފާގެ" ހޮސްޕިޓަލަށް ކުއްޔަށް ނަގާފައި ހުންނަތާ ދެ މަސް ދުވަސް ފަހުން އެތަނުގައި ޚިދުމަތް ދޭން ފެށި ނަމަވެސް، އަލުން މިތަން ބަންދުކުރަން ޖެހުނީ ޚިދުމަތް ފެށިތާ އެންމެ ދެ ހަފްތާގެ ތެރޭގައެވެ.
ކުރިން ގެސްޓްހައުސްއެއްގެ ގޮތުގައި ބޭނުންކުރަމުން އައި "އުފާގެ" އަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ މިލްކިއްޔާތުގައިވާ އިމާރާތެއް ކަމަށް މައުލޫމާތު ލިބެއެވެ. އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، މި އިމާރާތަކީ އާންމުންނަށް ޚިދުމަތް ދިނުމަށާއި، މުވައްޒަފުން މަސައްކަތް ކުރުމަށްވެސް އެކަށީގެންވާ މާހައުލެއް އޮތް ތަނެއް ނޫނެވެ.
މިފަދަ ހާލަތެއްގައި ހުރި ތަނެއްގައި ޚިދުމަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރާމާތަށް ބަންދުކުރުމަށްފަހު، ހޮސްޕިޓަލުން ބުނި ތާރީޚުގައިވެސް ޚިދުމަތް ނުފެށި ދިގުލައިގެން ދާތީ، އާންމު ސިއްޙަތާ ގުޅުންހުރި މުހިންމު ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަދި 17 ވަނަ ދުވަހު ޚިދުމަތް ނުފެށުނު ސަބަބާއި، ދެން ޚިދުމަތް ފެށޭނެ ސީދާ ދުވަހެއްވެސް ހޮސްޕިޓަލުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނަތަންޔާހޫ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފި
6 ގަޑިއިރު ކުރިން

އަބުރުގެ ބިލުގެ ބޭނުމަކީ އަލްއައްބާރާއި ރަސްމާލެ މަޝްރޫއުގެ އަޑުކަނޑުވާލުން: މައުރޫފް
6 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ބަޔަކު އަތުލައިގެންފި
6 ގަޑިއިރު ކުރިން

ޝާހިދުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
6 ގަޑިއިރު ކުރިން


