
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ނަތަންޔާހޫ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފި

މުޙައްމަދު ފަޟްލޫން - 17 ނޮވެމްބަރު 2026 - 12:42
އިސްރާއީލުގެ މީޑިއާތަކާއި އިދިކޮޅު ފަރާތްތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާ ބެންޖަމިން ނަތަންޔާހޫ ބަޣާވާތެއް ކުރަން އުޅުއްވި ކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރުން ކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން މި ތުހުމަތުތައް އަމާޒުކޮށްފައި ވަނީ، މިދިޔަ މަހު ބޭއްވި އިންތިޚާބުގެ ކުރިން ޢަރަބިން އިސްވެ ހަރަކާތްތެރިވާ ޕާޓީއެއްގެ މެންބަރުންތަކެއްގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމަށް ނަތަންޔާހޫގެ އޮފީހުން މަސައްކަތްކުރި ކަމަށް މީޑިއާތަކުން ފަޅާއަރުވާލުމާ ގުޅިގެންނެވެ. މި އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އިދިކޮޅު ލީޑަރު ޔައީރް ލެޕިޑް ސޯޝަލް މީޑިއާގައި ވިދާޅުވީ، އިތުރު ތަފްޞީލުތައް ހާމަވަމުންދާ ވަރަކަށް، މިއީ ހަމައެކަނި އިންތިޚާބަށް ހުރަސްއެޅުމުގެ ޢަމަލެއް ނޫން ކަމަށާއި، މިއީ ސީދާ ބަޣާވާތެއް ހިންގަން ކުރި މަސައްކަތެއްކަން ސާފުވާ ކަމަށެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި، އިންތިޚާބުގެ އެއް ދުވަސް ކުރިން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އިޑޯ ނޯޑެން ވަނީ ރާޢަމް ޕާޓީގެ މެންބަރުންތަކަކާ ދެކޮޅަށް ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން އެ ޕާޓީގެ ތިން މެންބަރަކު ހައްޔަރުކުރި ނަމަވެސް، އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަން އެނގުމުން ފުލުހުން ވަނީ ފަހުން އެމީހުން ދޫކޮށްލާފައެވެ.
މީގެއިތުރުން، އެ ގައުމުގެ ނޫހެއް ކަމަށްވާ 'ހާރެޓްޒް' އިން ބުނެފައިވާ ގޮތުގައި، އެތެރޭގެ ސަލާމަތީ ޚިދުމަތް (ޝިން ބެޓް) ގެ ވެރިޔާ ވަނީ ޢަރަބި ޖޮއިންޓް ލިސްޓުގެ ލީޑަރުންގެ ފޯނު ކޯލުތައް ސިއްރުން އަޑުއެހުމުގެ ހުއްދައަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން އެޓަރނީ ޖެނެރަލް ވަނީ އެ ހުއްދަ ދެއްވުމަށް އިންކާރުކުރައްވާފައެވެ. އިސްރާއީލުގެ ފުލުހުން މި މައްސަލައިގައި ކަންކަން ނިންމި ގޮތް މުރާޖަޢާކުރާނެ ކަމަށް ބުނެފައިވާއިރު، ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަނީ މި ހުރިހާ ރިޕޯޓުތަކެއް ދޮގުކޮށްފައެވެ.
މި ޢަމަލުތަކަކީ އަނދިރި އަދި ޚުދުމުޚުތާރު ވެރިކަންތަކުގެ ސިފައެއް ކަމަށް ސިފަކުރައްވައި، ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބަރީން އާއި ރާޢަމް ޕާޓީގެ މެންބަރު އަދި ކުރީގެ ފުލުހުންގެ ވެރިޔާ ޔޯއާވް ސެގަލޯވިޓްޒް ވަނީ މި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. އަދި ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ގާޑީ އައިޒެންކޮޓް ވަނީ މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރަކީ އެ ގައުމުގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.
މި އިންތިހާބުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި އެއްވެސް ޕާޓީއަކަށް ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ޖޮއިންޓް ލިސްޓާއި ރާޢަމް ޕާޓީން ވަނީ އައިޒެންކޮޓް އިސްވެ ހުންނަވައިގެން އުފައްދާ ކޯލިޝަނަކަށް ތާއީދުކުރާނެކަން ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީ ޕަބްލިކް ހެލްތު ޔުނިޓުގެ ޚިދުމަތް ނުދޭތާ 3 ދުވަސް، ބުނި ތާރީޚުގައިވެސް ނުފެށުނު
2 ގަޑިއިރު ކުރިން

އަބުރުގެ ބިލުގެ ބޭނުމަކީ އަލްއައްބާރާއި ރަސްމާލެ މަޝްރޫއުގެ އަޑުކަނޑުވާލުން: މައުރޫފް
6 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ބަޔަކު އަތުލައިގެންފި
6 ގަޑިއިރު ކުރިން

ޝާހިދުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
6 ގަޑިއިރު ކުރިން


