logo

އެންމެ ފުރަތަމަވެސް މަސްލަހަތުވެރިންނާ މަޝްވަރާކުރަން އެންގެވި: ވަޒީރު ޝިޔާމް

profile

އާމިނަތު ޝަފާ - 03 ސެޕްޓެމްބަރު 2024 - 14:12

ފިޝަރީޒް މިނިސްޓަރ ޝިޔާމް

ފިޝަރީޒް މިނިސްޓަރ ޝިޔާމް

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރަން ހުޅުވައިލަން ސަރުކާރުން ހުޅުވާލަން ނިންމައި އެކަމާގުޅޭ މަސްލަހަތުވެރިންނާ މަޝްވަރާކުރަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރަން ހުޅުވައިލަން ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރަން ރައީސް މުއިއްޒު ނިންމެވީ އެމަނިކުފާނާ މަޝްވަރާނުކޮށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި ވަރަށްގިނަ ރައީސުން ތަޖުރިބާ ކުރެވިއްޖެކަމަށާއު ރައީސް ޑރ. މުއިއްޒު ތަޖުރިބާ މިކުރެވެނީ މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރާ ކުރައްވަންޖެހޭގޮތަށް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާ ވެރިއެއްގެ ގޮތުގައިކަމަށެވެ.

އަދި ލޭނު މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމުމާއެކުވެސް އެކަމުގެ މަސްލަހަތުވެރިންނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަޝްވަރާތައް ކުރައްވަމުން ގެންދެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މި ނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' މިހާރު ބައްދަލުކުރައްވާފައިވާއިރު މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގައެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

tel:+9607331319