logo

ލޭނު މަސްވެރިކަމަށް ފުރުސަތު ހުޅުވާލަނީ

profile

އާމިނަތު ޝަފާ - 15 އޯގަސްޓު 2024 - 12:14

މަސްވެރިކަންކުރަނީ

މަސްވެރިކަންކުރަނީ

ިދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައި އެކަމުގެ ގަވާއިދު އެކުލަވާލައި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށް ބަލައި، މި މަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތައް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް މި ގަވާއިދުގައި ހިމަނާފައި ވާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ދޫ ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މަނާކަމެއްކަމަށް އެކުލަވާލާފައިވާ މާއްދާއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމާއި އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް އެކަމުން ލިބޭ ނަފާ އިތުރުކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ.

މިގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން ފަހިވެގެން ދާނެއެވެ. އެހެންނަމަވެސް މިއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫންކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި މިގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނިފައިވެއެވެ. މިގޮތުން ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔަރ ޓްރޭސް) ބޭނުންކޮށްގެން ނުވާނެކަމަށް ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ. ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. އަދި މިއާލާތްތައް ހުރިހާ ވަގުތެއްގައިވެސް އުޅަނދުގައި ހުންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމުގައިވެސް މިގަވާއިދުގައި ބަޔާންކުރެވިފައިވާނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއެއްކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލާއި ކޮމެންޓު ހޯދުމަށް 5 އޯގަސްޓް 2024 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. މި ގަވާއިދުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޯގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން ގަވާއިދަށް ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.

tel:+9607331319