logo

ވިސްތާރާ އެއަރލައިންސްގެ ބޯޓުގައި ބޮމެއް ނެތް. ފަސިންޖަރުން ބަލާ އެހެން ބޯޓެއް މިއަދު ތުރުކީއަށް ދާނެ

profile

ސައިފް އަޒުހަރު - 07 ސެޕްޓެމްބަރު 2024 - 12:45

އިންޑިއާގެ ވިސްތާރާ އެއަރލައިންސްގެ މަތިންދާ ބޯޓު ތުރުކީގެ އިރްޒުރުމްގެ އެއަރޕޯޓުގައި ޕާކްކޮށްފައި:

އިންޑިއާގެ ވިސްތާރާ އެއަރލައިންސްގެ މަތިންދާ ބޯޓު ތުރުކީގެ އިރްޒުރުމްގެ އެއަރޕޯޓުގައި ޕާކްކޮށްފައި:

ބޮމެއްގެ އިންޒާރާއެކު، އިމަޖެންސީ ހާލަތުގައި ތުރުކީއަށް ޖެއްސި އިންޑިއާގެ ވިސްތާރާ އެއަރލައިންސްގެ ބޯޓުގައި ބޮމެއް ނެތް ކަމަށާއި، އެއީ ދޮގު އިންޒާރެއް ކަމަށް ތުރުކީގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ބޯޓުގައި ބޮމެއް އޮތްކަމަށް ލިބުނު އިންޒާރާ ގުޅިގެން ވިސްތާރާ އެއަރލައިންސްގެ މަތިންދާ ބޯޓު، ތުރުކީގެ އިރުމަތީ އިރްޒުރުމްއަށް ޖެއްސީ އިއްޔެއެވެ.

މިހާދިސާ ހިނގިއިރު ބޯޓު ދަތުރުކުރީ އިންޑިއާއިން މުމްބާއީ އިން ފުރައިގެން ޖަރުމަނުގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ފްރެންކްފަރޓަށް ދިއުމަށެވެ.

ތުރުކީގެ އޮފިޝަލުން ވިދާޅުވެފައިވަނީ "ބޯޓުގައި ބޮމެއް އެބައޮތް" ކަމަށް ލިޔެފައިވާ ކަރުދާސްކޮޅެއް ފެނުނީ ބޯޓުގެ ފާޚާނާ ތެރެއިން ކަމަށެވެ.

ބޮމެއް އޮތްކަމުގެ އިންޒާރު ލިޔެފައިވާ ކަރުދާސްކޮޅު ފެނުމާ ގުޅިގެން، ބޯޓު ކުއްލި ހާލަތުގައި ތުރުކީއަށް ޖައްސައި، ބޯޓުގައި ތިބި 234 ފަސިންޖަރުންނާއި، 13 ކްރޫ މެމްބަރުން އިމަޖެންސީކޮށް ބޯޓުން ބާލައި، ބޮމާބެހޭ ތަޖުރިބާކާރުންގެ ޓީމަކުން މުޅި ބޯޓު ބަލައި ފާސްކޮށްފައި ވެއެވެ.

އެއަރޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިރްޒުރުމްގެ ގަވަރްނަރ މުސްތަފާ ވިދާޅުވީ، އެފަދަ ހާލަތެއްގައި ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި ނިމުނުއިރުވެސް، ބޮމެއް ފެނިފައި ނުވާކަމަށެވެ.

މިކަމާ ގުޅިގެން، ރައްކާތެރި ފިޔަވަޅެއްގެގޮތުން އިރްޒުރުމް އެއަރޕޯޓަށް މަތިންދާ ބޯޓުތައް ޖެއްސުމާއި ބޯޓުތައް ފުރުން ހުއްޓުވާފައި އޮތް އޮތުން މިހާރުވަނީ އުވާލާފައެވެ.

ވިސްޓާރާ އެއަރލައިންސްއިން ބުނެފައިވަނީ، ތުރުކީގައި ތިބި ފަސިންޖަރުން ފްރެންކްފަރޓަށް ގެންދިއުމަށްޓަކައި އެހެން މަތިންދާ ބޯޓެއް މިއަދުގެ ވަގުތެއްގައި ތުރުކީއަށް ދާނެ ކަމަށެވެ.

tel:+9607331319