logo

އިގްތިސާދަށް އައު ސިނާއަތްތައް ތައާރަފު ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

profile

ޝާމާ ޝުޢައިބު - 09 ނޮވެމްބަރު 2024 - 13:30

މިނިސްޓަރ ސައީދު

މިނިސްޓަރ ސައީދު

ދިވެހިރާއްޖޭގެ އިގްތިސާދަށް އައު ސިނާއަތްތައް ތައާރަފުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައިވާއިރު މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އައު ސިނާއަތްތައް ތަޢާރަފްކުރުމަކީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.

ގޮންޖެހުންތައް ހުރި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިގްތިސާދަށް އައު ސިނާއަތްތައް ތައާރަފު ކުރަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މީގެ ފަންސާހަކަށް އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމާ ގުޅޭގޮތުން ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތައްވެސް ނެތް ކަމަށް އޭރު ގިނަ ބަޔަކު ބުނަމުން ދިއަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެހެން ނަމަވެސް މިއަދު ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ގުނާލެވޭނެ ގައުމެއް ކަމާމެދު ދުނިޔެއިން ސުވާލު ނުއުފައްދާނެ ކަމަށެވެ. އަދި އޭރު އެކަން ކާމިޔާބު ކަމާއެކު ނުކުރެވޭނެ ކަމަށް ގަބޫލުކުރި މީހުން ވެސް މިހާރު މިކަން ގަބޫލު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އައު ސިނާއަތްތައް ތައާރަފްކުރުމަށް ފަހި ފުރުސަތުތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަން ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ހުރީ ނާޅާ ދޫކޮށްލެވިފައި ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅު ތަފާތު ކަމަށާ އެމަނިކުފާނުގެ ވިސްނުންފުޅަކީ އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ރާއްޖެއަށް މާލީ، އިގްތިސާދީ ތަރައްގީ ގެނަސް، ތަރައްގީގެ އިތުރު ހަރުފަތަކަށް މި ގައުމު ގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ސޮއި ކުރެވުނު މި ފްރޭމްވަރކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު، ވިޔަފާރިއާ ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މޯލްޑިވްސް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާ ފިޔަވަހިތައް ތަރައްގީކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެއެވެ. މީގެ އިތުރުން ފައިނޭންޝަލް އެސެސްމަންޓް ހެދުމާ، މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިއްމު ކޮމަރޝަލް ޓަރމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ދަށުން ދެފަރާތުން ގުޅިގެން ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައިމިވަނީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާ އެއްހަމަ ކުރެވިގެން އިޖްތިމާއީ ގޮތުން ޒިންމާދާރު ދިގު މުއްދަތުގެ ލާބައާއި މަންފާލިބެނިވި، ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ލިއްބައިދޭނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

https://int.etukuri.mv/
tel:+9607331319