logo

‎އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިޤުތިސާދެއް ބިނާކުރުމުގެ ސިޔާސަތު: ނައިބުރައީސް

profile

ޒިދާން މުޙައްމަދު - 22 ނޮވެމްބަރު 2024 - 09:00

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ރައީސުލްޖުމުހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިޤުތިޞާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ ފަރާތުން އިންތިޒާމުކުރާ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކުރުމަށް ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި އިޤުތިޞާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ޚިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

އަދި އެ ވިޔަފާރިތަކަކީ އަޅުގަނޑުމެންގެ އިޤުތިޞާދުގެ ނާރެސް ކަމަށާއި، އެއީ، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިޤުތިޞާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އެ ވިޔަފާރިތައް ހިންގަވާ ވިޔަފާރިވެރިންނަކީ މި މުޖުތަމަޢުގެ ތަރައްޤީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާ، ޤައުމީ ތަރައްޤީގައި ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގަންނަވާ ޚިދުމަތްތެރީންތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

‎އެ މަނިކުފާނުގެ ވާހަކަފުޅުގައި، 21 ވަނަ ޤަރުނުގައި، އަޅުގަނޑުމެން ދެކެމުން މި އަންނަނީ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުޞަތުތަކެއް ކަމަށާއި މި ދާއިރާތަކުން ފަހި ނަތީޖާ ހާސިލްކޮށް ފުރިހަމަ ކާމިޔާބަށް ވާސިލްވުމަށްޓަކައި، އަޅުގަނޑުމެންގެ ވިޔަފާރިވެރިން މި އައު ހުނަރުތަކާއި އުކުޅުތައް ދަސްކޮށް، އޭގެ ބޭނުން ހިފަން ޖެހޭކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ މި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެ ގޮތުން މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ޤާނޫނީ ލުއިތައް ދިނުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

‎މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހު ކޮށްދެއްވާފައެވެ.

ރޭ އިފްތިތާހުކުރެވުނު "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.

https://int.etukuri.mv/
tel:+9607331319