
އަރަފާތު ދުވަހަކީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެއް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 30 މޭ 2025 - 08:14
އަރާފާތު ދުވަހަކީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެއް ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައި ވަނީ "ޢަރަފާތު ދުވަހުގެ މާތްކަން" މިމަޢުޟޫއުގެ މައްޗަށެވެ.
ޚުޠުބާގައި ބުނީ، އަހަރެމެން ވޭތިކުރަމުން މި ދަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. މިދުވަސްތަކަކީ ތަޤްވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއް ކަމަށާއި ހެޔޮ ޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ދުވަސްތަކެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
شَيْخُ الْإِسْلَامِ اِبْنُ تَيْمِيَّةَ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެ ވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރުވެގެންވެއެވެ. ނަމަވެސް ރޭތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޭތަކަށް ވުރެ މާތްވެގެންވެއެވެ."
ޚުޠުބާގައިި ބުނި ގޮތުގައި، މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވައެވެ. އެއީ ފާފަފުއްސެވުމާއި، ޢަފޫކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަހެވެ. رسول الله ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ޢަރަފާތު ދުވަހަށް ވުރެ، ގިނައިން މާތް الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ."
ޢަރަފާތު ދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. އެދުވަހަކީ މާތް الله އެކަލާނގެ އަޅުތަކުންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحيކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު غافلވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، قيامة ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. شريكކޮށް އުޅުނުކަން ކަށަވަރީ، މީގެކުރީން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، باطلގޮތަށް އުޅުނުމީހުން ކުޅަކަންތަކަށް ޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟"
ޚުޠުބާގައި ބުނި ގޮތުގައި، މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަޙްމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަޙުރޫމެއް ނުކުރައްވައެވެ. ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި رسول الله ﷺގެ ޙަދީޘުން ސާބިތުވެއެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ޢަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ."
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاءކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. "
ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެވެ.
ކީރިތި ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ "لَا إِلَـٰـهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ " މި ދުޢާއެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި، މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަހެވެ. އަދި އުޟުޙިޔާ ކަތިލުމުގެ ދުވަހެވެ.
ޙައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ ޢީދުގެ އުފާވެރި ދުވަސްތަކެވެ. އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް اللهއަށް ކުރެވޭ މަތިވެރި އަޅުކަމަކުންނެވެ.
ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ނަމާދަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ސްވައިޕް އައްޑޫ ސިޓީގައި ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން

އައިފޯން ގިވްއަވޭ ޕްރޮމޯޝަންގައި ގޫގުލް ފޯމް ފުރާކަށް ނުޖެހޭނެ: އެލައިޑް އިންޝިއުރަންސް
10 ގަޑިއިރު ކުރިން

ޣާލިބަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި
12 ގަޑިއިރު ކުރިން
އެއަރޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)