logo

މަޓާޓޯއިން ވެމްކޯއާ ގުޅިގެން ރީސައިކަލް ކުރުމުގެ ކެމްޕޭނެއް ފަށައިފި

profile

އަހުމަދު ޒަލީފު - 08 ޖޫން 2024 - 21:10

---

---

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ގުޅިގެން ރީސައިކަލް ކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

ބައިނަލްއަގްވާމީ ތިމާވެށި ދުވަހާއި ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަޓާޓޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ކެމްޕެއިނުގައި ބޮޑު އިނާމެއް ދިނުމަށް ނިންމައިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވެއެވެ.

އެގޮތުން މި ކެމްޕެއިންގެ 1 ވަނައަށްދާ ފަރާތަކަށް ކޮލަމްބޯ ދަތުރެއް ލިބިގެންދާނެކަމަށްވެސް މަޓާޓޯއިން ބުނެފައިވެއެވެ. އިއްޔެ ފެށިފައިވާ މި ކެމްޕެއިން އަންނަ މަހުގެ 5 ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަން މަޓާޓޯއިން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން، "ގޯ ގްރީން، ރީސައިކަލް އެންޑް ވިން" ޝިއާރުގެ ދަށުން ކުރިއަށްގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މި ކެމްޕެއިން ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ ރީސައިކަލް ކުރާ ޕްލާސްޓިކް ގެ ބަރުދަނަށް ބެލުމަށްފަހުގައިކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.

އެހެންކަމުން، މި ކެމްޕެއިންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޕޮލިއެތިލިން ޓެރެފްތަލޭޓް (ޕްލާސްޓިކް) ފުޅިތައް އެއްކުރުމަށްފަހު މާލޭގައި ގާއިމްކުރެވިފައިވާ ވެމްކޯގެ ޓްރާސްފާ ސްޓޭޝަނަށް ހަފްތާ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެންދުނު 10:00ކާއި އިރުއޮއްސޭ 18:00 އާ ދޭތެރޭގެ ވަގުތެއްގައި ގެނެސްދިނުމަށް މަޓާޓޯއިން އެދިފައިވެއެވެ.

އަދި، ތިމާވެށި ހިމާޔަތްކުރުމަށް ހިންގޭ މިފަދަ ފައިދާކުރަނިވި ކެމްޕޭންތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް މަޓާޓޯއިން އެދިފައިވެއެވެ.

https://wamco.com.mv/
tel:+9607331319