logo

ފަސް ރަށެއްގައި ޕްލާސްޓިކް މެނޭޖްކުރަން ބޭނުންކުރާނެ އާލާތްތައް ވެމްކޯއާ ހަވާލުކޮށްފި

profile

ޒިދާން މުޙައްމަދު - 19 ސެޕްޓެމްބަރު 2024 - 18:15

ފަސް ރަށެއްގައި ޕްލާސްޓިކް ކުނި މެނޭޖްކުރަން ބޭނުންކުރާނެ އާލާތްތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)ގެ އިނިޝިއޭޓިވްއެއްގެ ދަށުން ކޮކާކޯލާ ފަައުންޑޭޝަނާ ގުޅިގެން ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯއަށް ހަދިޔާކުރި ޕިކަޕުތަކާއި ޕްލާސްޓިކް މެނޭޖްކުރާ ވަސީލަތްތައް ހަވާލުކުރުމަށް މިއަދު ހެނދުނު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

ގްރޭޓަރ މާލޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭއްމި މިރަސްމީއްޔާތުގައި މޯޕާގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސް އަޙުމަދު މައުމޫންއެވެ. ވެމްކޯގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މޯޕާއިން ވެމްކޯއަށް ހަދިޔާކޮށްފައިވަނީ ދެ ޓަނުގެ ހަތަރު ޕިކަޕާއި, ހަތަރު ބޭލަރާއި, ޕްލާސްޓިކް އެއްކުރުމަށް ބޭނުންކުރާ 3500 ނެޓް ބޭގާއި, 50 ލީޓަރުގެ 3000 ޑަސްބިންގެ އިތުރުން 100 ލީޓަރުގެ 200 ޑަސްބިނެވެ.

މިއާލާތްތަކަކީ ސަސްޓެއިނަބަލް އައިލެންޑް ވޭސްޓް މެނޭޖްމަންޓް އެންޑް ރީސައިކްލިންގ އިނީޝިއޭޓިވްގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. މި މަޝްރޫޢުއަކީ ކޯކާކޯލާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ދެމެހެއްޓެނިވި މަޝްރޫޢުއެކެވެ.

ވެމްކޯއަށް އެތަކެތި ހަވާލުކުރުމުން އެކުންފުނިން ނިންމާފައިވަނީ ބައެއް ރަށްރަށުގައި ޕްލާސްޓިކް ރިކަވަރީ ކުދި ފެސިލިޓީތަކެއްވެސް ގާއިމުކުރުމަށެވެ. އެގޮތުން މި ފެސިލިޓީތައް ގާއިމްކުރުމަށް ނިންމާފައިވަނީ, މިއާލާތްތައް ބޭނުންކުރަން ހަމަޖެހިފައިވާ އައްޑޫ ސިޓީ, ކުޅުދުއްފުށި ސިޓީ, ފުވައްމުލައް ސިޓީ, ލ. ފޮނަދޫ އަދި ލ. ގަމުގައެވެ. މި ފެސިލިޓީތަކުގައި ޕެޓް ކޮމްޕެކްޓަރތައް ބަހައްޓާނެ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތައް ވެހިކަލްތައް ބޭނުން ކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެމްކޯއިން ނިންމާފައިވަނީ, ޕްލާސްޓިކް އެއްކުރުމަށް އާއްމު ތަންތަނުގައި ހާއްސަ ޑަސްބިންތައް ބަހައްޓައި ނެޓް ބޭގްތައް ބެހެއްޓުމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.

ވެމްކޯއިން މި މަސައްކަތްތައް ކުރުމަށް ނިންމާފައިވަނީ, ކައުންސިލްތަކާއި, ޖަމިއްޔާ ޖަމާއަތްތަކާއި އެހެނިހެން ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

https://int.etukuri.mv/
tel:+9607331319