logo

ނައިބު ރައީސް ޖަޕާނުގެ ސަފީރާއި ބައްދަލުކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 11 ޖޫން 2026 - 14:21

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ އިޝިގާމީ ރުމިކޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ޒިޔާރަތުގައި، ނައިބު ރައީސް އާއި ޖަޕާނުގެ ސަފީރު ވަނީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހަމައެއާއެކު، ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުން ކުރިއަށް އޮތް އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވަމުން، ނައިބު ރައީސް ވަނީ ޚާއްޞަ ބައެއް ދާއިރާތަކުން ލިބޭ އެހީތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި މީހުން ބިނާ ކުރުމާއި ތައުލީމީ ދާއިރާ އާއި އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ދާއިރާ އާއި ކުޅިވަރު ކުރިއެރުވުމާއި އިޖްތިމާއީ ގުޅުންތައް ވަރުގަދަ ކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާ މެނޭޖްކުރުމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގާތް ގުޅުމަށް މަރުޙަބާ ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިޤްތިޞާދީ ގޮތުން ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިއަށް އޮތް ތަނުގައި ކުރިއަށްވުރެ ބަދަހިވެ، އާ އުސްމިންތަކަކަށް ދާނެކަމުގެ ފުރިހަމަ ޔަޤީންކަން ތަކުރާރު ކުރައްވާފައެވެ

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk