
ހުސްވި މަހު ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރު: އެމްއެމްއޭ

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 10:21
ހުސްވި މަހު ރަސްމީ ރިޒާވްގައި ހުރީ 717.9 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 717.9 މިލިއަން ޑޮލަރުގައެވެ.
މިއީ މާޗް މަސް ނިމުނުއިރު ރިޒާވް ހުރި 1.33 ބިލިއަން ޑޮލަރާ އަޅާބަލާއިރު 46 އިންސައްތައިގެ ދަށްވުމެކެވެ.
ރިޒާވުން މިހާ ބޮޑު އަދަދެއް އުނިވެފައިވަނީ ދައުލަތުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އެޕްރީލް މަހުގެ ތެރޭގައި ދައްކާފައިވާތީއެވެ.
އެގޮތުން، އެ މަހުގެ ތެރޭގައި އެކަނިވެސް ދަރަނި ދެއްކުމަށް 924 މިލިއަން ޑޮލަރު ސަރުކާރުން ހޭދަކޮށްފައިވެއެވެ.
ދަރަނީގެ ގޮތުގައި ދައްކާފައިވާ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަކީ، އެކި ދުވަސްވަރު މަތިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރު މުއްދަތު ހަމަވި ފައިސާއެވެ.
މީގެ ތެރޭގައި 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ދަރަނިތައް އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރަސްމީ ރިޒާވް ބޭނުންކޮށްގެންނެވެ.
ރަސްމީ ރިޒާވް ދަށްވުމާއެކު، ރާއްޖެއަށް ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ވެސް ވަނީ ދަށްވެފައެވެ.
ބޭނުންކުރެވޭ ރިޒާވަކީ، ރަސްމީ ރިޒާވާއި އިންވެސްޓްމެންޓްތަކުގެ ގޮތުގައި ހުރި ބޭރު ފައިސާގެ ޖުމްލަ އަދަދުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް އުނިކުރުމުން ބާކީ ހުންނަ އަދަދެވެ.
މިއީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ހަރަދުތަކަށް ހާއްސަކުރެވިފައިވާ ފައިސާ އެވެ.
ދަރަނިތައް އަދާކުރުމަށްފަހު، ނިމިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 244.2 މިލިއަން ޑޮލަރެވެ.
މިއީ މާރިޗު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި 409 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ ދަރަނިތައް ދެއްކުމުގައި އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ މުހިންމު ކާމިޔާބީތަކެއް ހޯދާފައެވެ.
މި މަސައްކަތްތައް ކުރިއަށްދަނީ އެއްވެސް ކަމަކަށް ދަތިނުވާނޭ ފަދަ އިންތިޒާމުތަކެއްގެ ދަށުންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، އެއްވެސް އާ ދަރަންޏެއް ނުނަގާ އަދި އިތުރު ރަހުނަކާ ނުލައި ދަރަނިތައް އަދާކުރަމުންދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ހަމައެހެންމެ، ރައްޔިތުންގެ ނަމުގައި ނަގާފައިވާ ދަރަނިތައް ހަލާސްކޮށް، ރަހުނުކޮށްފައިވާ ދައުލަތުގެ މިލްކިއްޔާތުތައް މިނިވަންކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން ހޯދަން ފަށައިފި
3 ގަޑިއިރު ކުރިން

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: ރައީސް ސޯލިހް
4 ގަޑިއިރު ކުރިން

ކުޅިތަކާއި ކަނޑޫފާތައް ހިމާޔަތްކުރަން އީޔޫއިން މާލީ އެހީތެރިކަން ދީފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)