logo
ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު

ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގަން ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 10:21

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ. ވެލަގަލި، ޑޮކްޓަރ މުހައްމަދު މާހިދު ޝަރީފު ޢައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މި މަޤާމަށް އެމަނިކުފާނު ޢައްޔަންކުރައްވާފައިވަނީ 18 މޭ 2026 ގައެވެ.

ޑޮކްޓަރ މާހިދަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

މި މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމުގައެވެ.

ޑޮކްޓަރ މާހިދު ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޑޮކްޓަރ މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.

މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިޢުލާންކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ.

އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk