logo

ރައީސްގެ ދެކަނބަލުން ރ.ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

profile

ޝަހްޒާ މުޙައްމަދު - 14 ޑިސެމްބަރު 2025 - 05:50

މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ މާލެ ވަޑައިގެންފިއެވެ.

https://wamco.com.mv/

ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވިއެވެ. އެގޮތުން ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަދު ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވާފައެވެ.

ރައީސްގެ ދަތުރުފުޅުގައި، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދެވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލުހޯއްދެވިއެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ގެނެސްދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެފަރާތްތަކަށް ރައީސް ވަނީ ދެއްވާފައެވެ.

މަސްވެރިންގެ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ދުވާފަރުގައި މިއަދު ބޭއްވި ހަރަކާތްތަކަށްފަހު މިރޭ އެރަށުގައި ކުރިއަށްދިޔަ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay