logo
ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް

ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް

"ލިލީ" މިއީ އަޒްހާން ގެނެސްދޭ ފީޗަރ ފިލްމެއް

profile

އައިޝަތު އިބްރާހިމް - 29 ޖޫން 2025 - 04:47

މި ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި ސޯޝަލް މީޑިއާ ވައިރަލްކޮށްލީ ހުދު ލިލީއަކުންނެވެ. ކޮންމެވެސް މީހަކަށް ހުދު ލިލީއެއް ދީފައި ޕޯސްޓް ކުރަނީއެވެ. އަނެއްބަޔަކު އެ ބޭނުންވެގެން އުޅެނީއެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައްވެސް ކުރިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

https://wamco.com.mv/

ލިލީއާއެކު ފޮޓޯތައް ޕޯސްޓު ކުރަން ފެށީ ކްރިއޭޓިވް ނެޓްވޯކް ނަމަކަށް ކިޔާ ޕްރޮޑަކްޝަން ހައުސް އަކުންނެވެ. ލަވަކިޔުންތެރިނާ ފިލްމީ ފަންނާނުންނާއި އެނޫންވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހުދު ލިލީއެއް ދީފިއެވެ. މީގެ އިތުރުން މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި މިނޫންވެސް ދަންނަ އެތައް މޫނެއް ފޮޓޯތަކުން ފެނުނެވެ. އާންމުންގެ ތެރެއިން ބައެއް މީހުންނަށްވެސް ލިލީ ބަހައިފިއެވެ.

ހުސްވި ހަފްތާ ނިންމާލި ލިލީމާ ބެހުމުގެ ފޯރިގަނޑެއްގެ ކުރިން 'މުޅި ހިންނަވަރަށް މަޝްހޫރު' އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ކަމަށް ބުނެ ލިލީ ފިލްމް ފުރަތަމަ އިޢުލާން ކޮށްފައިވާނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ނަމަވެެސް އޭރު ދޫކޮށްލި ވީޑިއޯގައި އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

ނަމަވެސް ދިވެހި ފިލްމް "މީ އިޝްގް"، "ދަރަކަ" އާއި "މިރާއީ" ސީރީޒް ވެސް ބެލުންތެރިންނާއި ހަމައަށް ގެނެސްދީ ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޒުވާން ލިޔުންތެރިޔާ އަދި ޑައިރެކްޓަރ އަޒްހާން އިބްރާހިމް މިފަހަރު މިއޮތީ އޭނަގެ 2 ވަނަ ފީޗަ ފިލްމް "ލިލީ" ވަރަށް ތަފާތު އަދި ހަމާ އެހާގަޔާވާ ގޮތަށް ޕްރޮމޯޓްކޮށްލާ އެންމެންގެ ޝައުޤުވެރިކަން ދަމައިގަނެފައެވެ.

ލިލީ ލިބިއްޖެ ކެމްޕެއިން

މި ކެމްޕެއިންއާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފިލްމްގެ ޑައިރެކްޓަރ އަޒްހާން ބުނީ، މިއީ ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު "ލިލީ" ގެ ނަން އިއުލާން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިނެއް ކަމަށެވެ. ކެމްޕެއިންގައި ކްރިއޭޓިވް ނެޓްވޯކުން މާލެ ސަރަހައްދަށް 400 އާއި ގާތް ކުރާ އަދަދަކަށް ލިލީ މާ ބަހާފައިވާނެކަމަށެވެ. ލިލީ ބަހަން ފެށީ އިންފްލުއެންސަރުންނާއި، ފިލްމީ ތަރިންގެ އިތުރުން މިޔުޒިކީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ނަމަވެސް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުޚީބަށް ބަލައި ގިނަ އަދަދެއްގެ އާންމުންނަށްވެސް ލިލީ ބަހައިފައިވާނެކަމަށް އަޒްހާން ބުނެފައިވެއެވެ.

ޖޫން މަހުގެ 24 އިން ޖޫން 28 މެންދުރު ފަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ކެމްޕެއިނާއިއެކު ކްރިއޭޓިވް ނެޓްވޯކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވަނީ 2.3 މިލިއަން ވިއުވާޒްއަށް ރީޗް ވެފައިވާކަމަށްވެސް އަޒްހާން ބުނެފައިވެއެވެ. އެއީ އިންސްޓަގްރާމުގައި 1.3 މިލިއަން އަދި ފޭސްބުކްގައި 1 މިލިއަން ވިއުސްއެވެ.

undefinedލިލީގެ ޕްރޮމޯޝަން ޕޯސްޓެއް/ ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް

"ލިލީ"

މި ފިލްމު ފުރަތަމަ އިއުލާން ކޮށްފައި ވަނީ ހުސްވި މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންނަމަވެެސް އޭރު ދޫކޮށްލި ވީޑިއޯގައި އެއްވެސް ތަފްސީލެއް ދީފައި ނުވާނެ ކަމަށާއި ނަމަވެސް 28 ޖޫންގައި ފިލްމުގެ ނަން، "ލިލީ" އިއުލާން ކޮށްފައިވާނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާއިވެސް އެކުކަމަށް އަޒްހާން ބުނެފައިވެއެވެ.

ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ ކަމަށްވެއެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ޙަލީމް، އަލީ ފާރޫޤް، އައިޝަތު އާރިފާ އަދި މުޙައްމަދު ވަޙީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެއެވެ. އަދި ދިވެހި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުންނަ ދެ ތަރިން ކަމުގައިވާ އެލީޝާ ސަނީމް، ޚަދީޖާ އަބޫބަކުރު މި ފިލްމުން ފެނިގެންދާނެ ކަމުގައިވެސް އަޒްހާން ބުނެފައިވެއެވެ.

އޒްހާން ބުނީ މިފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން ކަމަށެވެ. ޑައިރެކްޓާރ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމްއެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާންއެވެ. ފިލްމުގެ ނަން ކުރަހާފައިވަނީ އަބޯ ޝަފީއުއެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލްއެވެ.

ފިލްމްގެ ލަވަތަކުގެ ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީޤ ކަމުގައިވެސް ބުނެފައިވެއެވެ. މިއީ މުޙައްމަދު އަރީހު އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.

ގާތްގަނޑަކަށް 90 އިންސައްތަ މަންޒަރުތައް ޅ. ހިންނަވަރުގައި ނަގާ އަނެއް 10 އިންސައްތަ ލާމު އަތޮޅުގެ ހިތްގައިމު މަންޒިލްތަކުގައި ނަގާފައިވާ މި ފިލްމުގެ މަންޒަރުތައް 2025 ޖެނުއަރީ އަދި ފެބްރުއަރީގައި ނަގާފައިވާކަމަށްވެސް އަޒްހާން ބުނެފައިވެއެވެ.

ޙާޤީޤީ ހާދިސާތަކެއްގެ މައްޗަށް ލިވެފައިވާ ފިލްމަކީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެއް ކަމަށާއި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް ފިލްމް "ލިލީ"ގައި އަލިއަޅުވާލާފައިވާނެ ކަމަށްވެސް އަޒްހާން ބުނެފައިވެއެވެ.
ފިލްމާއި ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށްވެސް ޑައިރެކްޓަރ އަޒްހާން ބުނެފައިވެއެވެ. ފިލްމް އޮލިމްޕަސް ސިނަމާއަށް މިއަހަރު އަންނާނެ ކަމަށް ބުނެފައިވީ ނަމަވެސް ސީދާ ތާރީޚެއް ފަހުން އިޢުލާންކުރާނެ ކަމުގައި ބުނެފައިވެއެވެ.

https://etukuri.mv/
https://www.aslu.com.mv