logo

ރޫޙާނީ އުނދަގޫތައް

profile

ޒިދާން މުޙައްމަދު - 09 ޖުލައި 2025 - 05:30

ރޫޙާނީ ބަލިތަކުގެ ގޮތުގައި އާންމުކޮށް ބުނެވި އުޅެނީ ތިން ކަމެކެވެ. އެއީ ސިޙުރާއި ޖިންނި ބައްޔާއި އެސްފީނައެވެ.

https://wamco.com.mv/

ސިޙުރަކީ ﷲގެ ދީނުން ބޭރުވާ ނުބައިވެގެންވާ ކުފުރެކެވެ. ސިޙުރު ހަދާ އުޅޭ ކަންކަމުގެ ތެރޭގައި، ދެމަފިރިން ދުރުކުރުމާއި އެކަކުގެ މައްޗަށް އަނެކަކު މޮޅުވެ، ކުރިއަރައި ދިއުމާއި އާއިލާތައް ބައިބައިކުރުމާޢި ތަޢުލީމަށް ހުރަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. ރާއްޖޭގައި ސިޙުރު ހަދާ ކަމަށް އެންމެ ގިނައިން އަޑު އިވޭ އަނެއް ކަމަކީ ވަކި މީހަކު ވަކި ރަށެއްގައި ނުވަތަ ގެއެއްގައި ދިރިއުޅުނަ ނުދިނުމެވެ. ސިޙުރު ހެދުމަކީ ޤުރުއާނުގެ ނައްސުން އެނގޭ ފަދައިން ކުފުރުގެ އަމަލެކެވެ. އެއީ ޝަރީކުރުމާ އެއްވަރު ކަމެކެވެ. އެކަމުގައި އެކުލެވިގެން ވަނީ ޝައިތާނުންނަށް އަޅުކަން ކުރުމަށް ކަމަށް ވާތީ އެވެ. އެހެންވެ އުއްމަތުގެ ބޮޑެތި ބޮޑެތި އިމާމުން އިއްތިފާގު ވެވަޑައިގަންނަވާފައިވާ ގޮތުގައި އެކަމަށް އިސްލާމްދީނުގައި އޮތް އަދަބަކީ މަރުގެ އަދަބެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންމެ އަރިސް ސަޙާބާއިން ކަމަށްވާ ޢުމަރުލް ފާރޫޤު އަދި އުސްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހުމާ ހިމެނިވަޑައިގަންނަވައެވެ. އިސްލާމީ ޝަރީއަތް ކިރިޔާވެސް ތަންފީޒު ކުރާ ގައުމުތަކުގައި މިހާރުވެސް އެކުށަށް ދެނީ މަރުގެ އަދަބެވެ.

އެސްފީނާއަކީ ހަޤީގަތެކެވެ. އޭގެ ސަަބަބުން ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިކުރުވާފާނެ ކަމެކެވެ. މިކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ފެންނަން އެބަހުއްޓެވެ. އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ”އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭ ހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކާ އަމާޒުވެ، އަޅައިގަނެ، އެ ނަފްސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަަށް ފޯރުވާ ފޯރުވުމެވެ”

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ

މާނައީ: ”އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ” (އިބުނުމާޖާ، ބާބުލް ޠިއްބު؛ އަލް ޙާކިމް، އަލް މުސްތަދްރަކް. އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި)

ޖިންނީންގެ ފަރާތުން ފޯރާ އުނދަގޫތައް ނުވަތަ ޖިންނި ބައްޔަކީވެސް ކުރިމަތިވާ ކަންކަމެވެ. ޖިންނީންނަކީ ވުޖޫދުގައިވާ ބައެއްކަމާއި ﷲ ތަޢާލާ، ޖިންނީންގެ ގާތަށް ރަސޫލުކަމައިގެން މުޙައްމަދު صلى الله عليه وسلم ފޮނުއްވިކަމާމެދު މުސްލިމު އެއްވެސް ޖަމާޢަތެއްގެ ބަޔަކު ޚިލާފުވެފައި ނުވެއެވެ. އަދި ކާފިރު ޖަމާޢަތްތަކުގެ ގިނަ މީހުން ޖިންނީން ވާކަން ޤަބޫލުކުރެއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން އަހުލުކިތާބީން، މުސްލިމުން އިޤްރާރުވާ ފަދައިން ޖިންނީން ވާކަމަށް އިޤްރާރުވެއެވެ. އެހެން ނަމަވެސް އެމީހުންގެ ތެރެއިންވެސް އެކަމަށް އިންކާރުކުރާ މީހުންވެއެވެ. އެއީ މުސްލިމުންގެ ތެރޭގައިވެސް އެކަމަށް އިންކާރުކުރާ މީހުން ވާފަދައިންނެވެ.

ރޫޙާނީ މައްސަލަތަކާއި އުނދަގޫތަކުން އަހަރެމެން ސަލާމަތްކޮށްދޭނެ އެންމެ ވަރުގަދަ އައްޑަނައަކީ ޝައްކެތްވެސް ނެތް ގޮތުގައި ކީރިތި ޤުރްއާނެވެ. ކީރިތި ޤުރްއާނަކީ އިންސާނާގެ މުޅި ޢަމަލީ ޙަޔާތް ބިނާ ކުރުމުގެ އިލާހީ ދަސްތޫރެވެ. މުސްލިމުންގެ އުޅުމާއި ސުލޫކު ބިނާ ކުރަން ޖެހޭ ގޮތުގެ ޤާނޫނެވެ. އަދި އެފޮތަކީ މުސްލިމުންގެ ހިތާއި ފުރާނަ އާއި ޟަމީރުގެ ޣިޛާއެވެ. އަދި ޤުރްއާނަކީ ބަލިތަކާއި އުނދަގޫތަކުން ރައްކާތެރިވުމުގެ އައްޑަނައެވެ. އެފޮތް ކިޔަވާ ތިލާވަތު ކުރުމުން މީހާގެ ހިތަށް ދިރުންދީ، ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލުވެއެވެ. ވަހުމުތަކުން ދުރުކޮށްދީ، ދިރިއުޅުމުގެ ޝައުޤުވެރިކަން މީހާގެ ހިތުގައި އުފައްދައިދެއެވެ. އަދި ޤުރްއާން ކިޔަވައ، ތިލާވަތު ކުރާ މީހާއަށް ގިނަގުނަ ސަވާބު އާއި އަޖުރު ހުއްޓެވެ. ޤުރްއާނަކީ މުއުމިނުން ނަށް ހުރި ޝިފާއެއް ކަން އަންގަވާފައި ވެއެވެ. މިކަން އަންގަވާ މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.

وننـزِّل من القـرآن ما هو شفاء ورحمة للمؤمنين ( الإسراء : 82)

މާނައީ: "އަދި ތިމަންރަސްކަލާނގެ ޤުރްއާނުން ބާވާލެއްވީ މުއުމިނުންނަށް ޝިފާއާއި ރަޙްމަތެއް ކަމުގައެވެ."

އިންސާނުންގެ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކަށް ޝިފާ ލިބިދެނިވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އަނެއް ކަމަކީ މާތްﷲގެ ޒިކުރުކޮށް އެކަލާނގެ މަތީން ހަނދުމަކުރުމެވެ. ޒިކުރުކުރުމަކީ މާތްﷲ ގެ މަތީން ހަނދުމަކުރުމެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُونِ ( سورة البقرة: 152)

މާނައީ: "ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ."

އިސްލާމުދީނުގެ ހުރިހާ އަޅުަކަމެއް ވެސް ޝަރުޢު ކުރައްވާފައި ވަނީ މާތް ﷲ ހަނދުމަކޮށް، އެކަލާނގެ އަށް ޒިކުރުކުރުމަށެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

وَأَقِمِ الصَّلَاةَ لِذِكْرِي (سورة طه: 14)

މާނައީ: "އަދި ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރުމަށްޓަކައި ނަމާދު ޤާއިމު ކުރާށެވެ."

އެހެންކަމުން ރޫހާނީ ބަލިތަކާއި އުނދަގޫތަކުން ރައްކާތެރިވުމަށް އެދޭ މީހާ ފަރުޟު ނަމާދުތަކަށް ރައްކާތެރިވެ، ކީރި ޤުރްއާން ކިޔެވުމަށް އާދަކޮށް، ﷲގެ ޒިކުރުކުރުން އެދެވިގެންވެއެވެ.

https://wamco.com.mv/
https://www.aslu.com.mv