logo

ދަރިންނަށްޓަކައި ދުޢާކުރުން

profile

ޒިދާން މުޙައްމަދު - 12 ޖުލައި 2025 - 04:35

ރަނގަޅުގޮތުގައި ދަރީން ތަރުބިއްޔަތު ކޮށްފިނަމަ، މައިންބަފައިން މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ އެބައިމީހުންނަށް ލިބެއެވެ. އެކުދީންނަކީ ޞާލިޙް ކުދީން ކަމުގައިވާނަމަ އެކުދީން އެކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބުވެސް އެކުދީންގެ ޢަމަލުތަކުގެ އަޖުރުން އުނިވުމެއް ނެތި މައިންބަފައިންނަށްވެސް ލިބެމުންދެއެވެ. އެދެމީހުން މަރުވެފައިވީނަމަވެސް އެދެމީހުންގެ ހެޔޮކަމުގެ ތިލަފަތަށް ހެޔޮ ޢަމަލުތައް އިތުރުވަމުން ދެއެވެ. އެއީ ތަރުބިއްޔަތުކޮށްފައި ތިބި ޞާލިޙު ދަރީންގެ ސަބަބުންނެވެ. އެދަރީން އެބައިމީހުންގެ މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރެއެވެ.

https://wamco.com.mv/

ދަރީން މައިންބަފައިންނަށް ކުރާ ހެޔޮ ދުޢާގެ ހެޔޮ އަޖުރު މައިންބަފައިންނަށް ލިބޭ ފަދައިން މައިންބަފައިންގެ ދުޢާއަކީ ދަރިންނަށްވެސް ވަރަށް މުހިންމު އެއްޗެކެވެ. އެއީ އެ ދަރީންނަށް ލިބޭނެ ހެޔޮ ރަޙުމަތެކެވެ. ނިޢުމަތެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

”أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاء الْأَرْضِ أَإِلَهٌ مَّعَ اللَّهِ قَلِيلاً مَّا تَذَكَّرُونَ“ النمل 62

މާނަ: ”ނުވަތަ ދަތި އުނދަގޫ ޙާލެއް ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.“

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ”وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ“ غافر60

މާނަ: ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ! ނިކަންހުރެ ނިކަމެތިވެގެންވާ ހާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.“

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.

(( ثَلَاثُ دَعُواَت مُسْتَجَابَات لَا شَكَّ فِيْهِنَّ ، دَعْوَةُ الوَالِدِ عَلَى وَلَدِهِ ، وَدَعْوَةُ المسَافِرِ ، وَدَعْوَةُ المَظْلُومِ )) [ حسنه الألباني في صحيح الجامع الصغير ]

މާނަ : ” ތިން މީހެއްގެ ދުޢާ އިޖާބަވުމާއިމެދަކު ޝައްކެއްނެތެވެ. މައިންބަފައިން ދަރީންނަށްޓަކައި ކުރާ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާ އާއި ، އަނިޔާ ލިބެމުންދާ މީހާގެ ދުޢާއެވެ.“

އެހެންކަމުން ، ދަރީންނާމެދު ހިތްހަމަ ނުޖެހިގެން ކަމުގައި ވިޔަސް އެކުދިންނަށްޓަކައި ގޯސް ދުޢާއެއް ނުކުރާށެވެ. ބަދުބަހެއްވިޔަސް ނުބުނާށެވެ. އަދި އެފަދަކަމެއް ދިމާވެދާނެކަމާއި މެދު ސަމާލުވެ ތިބޭށެވެ.

މައިންބަފައިން ދަރީންނަށްޓަކައި ކުރާ ދުޢާއަކީ، ޝައްކެއްވެސް ނެއްގޮތުގައި އިޖާބަކުރެވޭ ދުޢާއެއް ކަމުގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެވަނީ ބަޔާންކޮށްދެއްވާފައެވެ. މައިންބަފައިން ކުރާން އެންމެ އައުލާކަން ބޮޑީ އެކުދިންނަށްޓަކައި ހެޔޮ ރަނގަޅު ދުޢާއެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރި ބަޔަކަށް އެކުދިން ވޭތޯ ކުރާ ދުއާއެވެ. ހެޔޮގޮތް މެދުވެރިވޭތޯ ކުރާ ދުއާއެވެ.

ކީރިތި ޤުރުއާންގައި ވާރިދުވެފައިވާ، ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާތަކަށް ބަލާލަމާ ހިނގާށެވެ.

رَ‌بَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّ‌يَّاتِنَا قُرَّ‌ةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾ سورة الفرقان

މާނަ : ” އޭ އަޅަމެންގެ ވެރި ރައްބު! އަޅަމެންގެ އަނބިންގެ ކިބައިންނާއި ދަރީންގެ ކިބައިން ލޮލައް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާފާނދެއެވެ! އަދި އަޅަމެންނަކީ ތަޤުވާވެރިންނަށް މަގުދައްކާ އިމާމުން ކަމުގައި ލައްވާފާނދެއެވެ! “

رَ‌بِّ هَبْ لِي مِن لَّدُنكَ ذُرِّ‌يَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾ سورة آل عمران

މާނަ : ” އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ. “

رَ‌بِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ ﴿١٦٩﴾ سورة الشعراء

މާނަ :”އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ (ފާޙިޝް ނުބައި ) ޢަމަލުން މިއަޅާއާއި މިއަޅާގެ އަހުލުވެރިން ސަލާމަތް ކުރައްވާނދޭވެ!

رَ‌بِّ أَوْزِعْنِي أَنْ أَشْكُرَ‌ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْ‌ضَاهُ وَأَصْلِحْ لِي فِي ذُرِّ‌يَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾ سورة الأحقاف

މާނަ : ”އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙުޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމު ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙު ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތަވްބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. “

رَ‌بِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّ‌يَّتِي ۚ رَ‌بَّنَا وَتَقَبَّلْ دُعَاءِ ﴿٤٠﴾ سورة ابراهيم

މާނަ : ”އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ! “

https://etukuri.mv/
https://eportal.mwsc.com.mv/e-pay