.jpg&w=3840&q=75)
މެދުއިރުމަތީގައި އެމެރިކާއިން ގާއިމްކޮށްފައިވާ އެންމެބޮޑު އަސްކަރީ ބޭހަށް އީރާނުން ހަމަލާދިނުން: އެމެރިކާއިން ބުނަނީ މީހަކަށް ކަމެއްވީކަމެއް އަދި ސާފުނުވާކަމަށް

ސައިފް އަޒުހަރު - 23 ޖޫން 2025 - 18:34
މެދުއިރުމަތީގައި އެމެރިކާއިން ގާއިމްކޮށްފައިވާ އެންމެބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދެއިދް އެއަރބޭހަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި މީހަކަށް ކަމެއްވީކަމެއް އަދި ޔަގީން ނުވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންވަނީ އަލް އުދެއިދް އެއަރ ބޭހަށް 6 ބެލިސްޓިކް މިސައިލް ހަމަލާ ދީފައެވެ.
އީރާނުން ފޮނުވާލި މިސައިލްތައް، ގަތަރުގެ ވެރިރަށް ދޯހާގެ މަތިން އުދުހެމުންދަނިކޮށް، މިސައިލްތައް ވައްޓާލަން ގަތަރުގެ އެއަރ ޑިފެންސުން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އަދި ގަތަރުން ކުރި މަސައްކަތުން ބައެއް މިސައިލްތައް ގޮއްވައި ވައްޓާލި މަންޒަރު ފެންނަ ވީޑިއޯތައް އާންމު ވެފައި ވެއެވެ.
ނަމަވެސް، އީރާނުން ފޮނުވާލި ބައެއް މިސައިލްތައް އެމެރިކާ ސިފައިންގެ އަސްކަރީ ބޭހަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ގަތަރުގެ ވެރިރަށުގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވިފައި ވެއެވެ. ނަމަވެސް، އީރާނުން ގަތަރުގެ އެހެން ހިސާބަކަށް ހަމަލާދިން ކަމެއް ސާފެއް ނުވެއެވެ.
އީރާނުން ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ ބޭހަށް ހަމަލާދިނުމުގެކުރިން ހަމަލާގެ ޚަބަރު ގަތަރު ސަރުކާރަށް ދީފައިވާނޭ ކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައިވަނީ، އީރާނުން މިސައިލް ހަމަލާތައް ދިނީ ގަތަރުގެ ވެރިރަށް ދޯހާގެ ރަށްބޭރުގައި، ދުރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހަށް ކަމަށާއި، އީރާނުގެ ހަމަލާތަކުގެ ސަބަބުން، އީރާނުގެ ގާތް އަޚު ގަތަރަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނޭ ކަމަށެވެ.
އެކަމަކު، ގަތަރު ސަރުކާރުންވަނީ، އީރާނުގެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ގަތަރުން ބުނެފައިވަނީ، މިއީ އެގައުމުގެ އިގްތިގްލާލަށް އީރާނުން ކުރިމަތިކުރި ނުރައްކަލެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ހުރީ ވައިޓްހައުސްގެ ސިުއޭޝަން ރޫމްގައެވެ. އަދި ގެންދަނީ އީރާނުން ދޭންފެށި ހަމަލާތައް ވަރަށް ގާތުން ބަލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން