logo

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރަނީ

profile

ރިޟްވާން މޫސާ - 07 ސެޕްޓެމްބަރު 2026 - 08:27

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ ނައިބު އާމިނަތު އިބްރާހީމް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލް އާޙިރާ މަހުގެ 2 ވަނަ ދުވަހުގަ އެވެ. އެއީ މީލާދީ ގޮތުން 1153 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ރާއްޖެ އިސްލާމްވި ރަސްމީ ތާރީޚުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީއުލް އާޙިރާ މަހުގެ 2 ވަނަ ދުވަހެވެ.

އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސިރީ ތިމާބުވަނަ-އާދީއްތަ މަހާރަދުން (ކޮއިމަލާ ކަލޭގެ) އެވެ. އިސްލާމްވެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ނަންފުޅަކީ ސުލްތާން މުހައްމަދު އިބްނި އަބުދިﷲ އެވެ. ރާއްޖެ އިސްލާމް ކުރެއްވުމުގެ މަސައްކަތް ކުރެއްވެވީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ.

މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ރާއްޖޭގެ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި ޢިލްމީ ދިރާސާތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ އިސްލާމީ އުއްމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަންއޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަޤީދާއާއި ދީނީ ވަހުދަތު ހަރުދަނާކުރުމެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ މި ދުވަހާއި ގުޅިގެން މުޅި އަހަރަށް ބަހާލެވިގެން ގާތްގަނަޑަކަށް 15ވަރަކަށް ހަރަކާތް ރޭވުމަށް ނިންމާފަ އެވެ. އަދި މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމަށް ރާވާލައިފާވާ ހަރަކާތްތަކުގެ ތެރޭގައި، ރާއްޖެ އިސްލާމްވި ތާރީޚީ މުނާސަބާ ރަމްޒުކޮށްދޭ ދާއިމީ ހަނދާނެއްގެ ގޮތުގައި މާލެ ސަރަޙައްދުގައި 900 އަހަރުގެ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319