logo

ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 14:28

ލައިގެން ހުރި ބޮކްސާ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ، އިރުދޭމާގެ، އުމުރުން 35 އަހަރުގެ ހުސެއިން ރިޔާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާގެ ރިޕޯޓު ވެސް ހިމެނެއެވެ.

ކޯޓު އަމުރުގައި ވާގޮތުން، ފުލުހުން އޭނާ ހުއްޓުވައި ހަށިގަނޑު ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ބޮކްސާއާއި ހަށިގަނޑާ ދެމެދުގައި ފޮރުވާފައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 18 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. މީގެއިތުރުން، އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތްފަރާތު ފަހަތު ޖީބުން ފައިސާތަކެއް ވެސް ފެނިފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ހުސެއިން ރިޔާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި، މިހާރު ވެސް އޭނާއަކީ މަސްތުވާތަކެތީގެ ފަރުވާ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ މީހެއް ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319