logo

ޖޫރިމަނާ 5،000 އިން މައްޗަށް އަރައިފިނަމަ ލައިސަންސް ހިފަހައްޓަނީ

profile

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 14:27

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އާ އިސްލާހުތަކަށް މިއަދު ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހުގެ ދަށުން، ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000 ރުފިޔާއަށް ވުރެ ބޮޑުވެއްޖެ ނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

https://wamco.com.mv/

އާ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ ޚިލާފު އަމަލެއް ކުރުމުންނާއި، ގާނޫނުގައި ބަޔާންކުރާ ޝަރުތު އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވޭ ހާލަތްތަކުގައި ލައިސަންސް ހިފެހެއްޓޭނެއެވެ. މީގެ އިތުރުން، ދައުލަތަށް ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ އަދަދު 5،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމުން ވެސް ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު ލިބެއެވެ. މިގޮތަށް ލައިސަންސް ހިފެހެއްޓޭނީ ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.

ގާނޫނަށް ގެނައި މި ބަދަލާ އެކު، ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، ލައިސަންސް ނެތި އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ވެސް މި އިސްލާހުގެ ދަށުން ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ލައިސަންސް ނެތި ދުއްވައިފި ނަމަ:

  1. ފުރަތަމަ ފަހަރަށް: 1,000 ރުފިޔާއިން ޖޫރިމަނާކުރުން
  2. ދެވަނަ ފަހަރަށް: 1,500 ރުފިޔާއިން ޖޫރިމަނާކުރުން
  3. ތިންވަނަ ފަހަރަށް: 2,000 ރުފިޔާއިން ޖޫރިމަނާކުރުން

އަދި ތިން ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު، އެންމެ ފަހުން ކުރި ޖޫރިމަނާގެ އަދަދު ދެގުނަ އިތުރުވާނެ ކަމަށް ވެސް ގާނޫނުގައި ވެއެވެ. މީގެ އިތުރުން، ލައިސަންސް ނެތި ދުއްވި އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށާއި، އެ އުޅަނދެއްގެ ވެރިފަރާތް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ މަގުސަދުގައި ގެނެވިފައިވާ ބަދަލުތަކެކެވެ.

https://wamco.com.mv/
tel:+9607331319