logo

އީރާނުގެ އިޤްތިޞާދަށް އައު އުންމީދެއް: ގުދުރަތީ ގޭހުގެ އައު ރިޒާވެއް ފެނިއްޖެ

profile

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:25

އީރާނުގެ ދެކުނުގައި އޮންނަ ފާރްސް ޕްރޮވިންސުން، 212.4 ބިލިއަން ކިއުބިކް މީޓަރު (7.5 ޓްރިލިއަން ކިއުބިކް ފޫޓު) ގެ ގުދުރަތީ ގޭސް އެކުލެވޭ ބޮޑު ރިޒާވެއް ފެނިފައިވާކަން އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

މި މުހިންމު ހޯދުމާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން އީރާނުގެ ޕެޓްރޯލިއަމް މިނިސްޓަރު މުހްސިން ޕާކްނެޖާދް ވިދާޅުވީ، 72 އިންސައްތައިގެ ރިކަވަރީ ރޭޓަކުން ބަލާއިރު މީގެ ތެރެއިން ގާތްގަނޑަކަށް 161.4 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ނެގޭނެ ކަމަށެވެ. އަދި ފާރްސް ޕްރޮވިންސްގެ "ޕަޒާން" ފީލްޑުން ފެނުނު މި ރިޒާވަކީ، ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އީރާނުން ހޯދި ހައިޑްރޯކާބަންގެ އެންމެ ބޮޑު ރިޒާވް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރަޙައްދުން ފެނިފައިވަނީ ވިހަ މާއްދާއެއް ކަމަށްވާ ހައިޑްރޮޖަން ސަލްފައިޑްގެ މިންވަރު ނިސްބަތުން ވަރަށް ކުޑަ، ސާފު ނުވަތަ "ސްވީޓް" ގޭހެކެވެ. މީގެ ސަބަބުން ގޭސް ސާފުކުރުމަށާއި އެ ވަސީލަތް ތަރައްގީކޮށް ހިންގުމަށް ހިނގާނެ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މީގެ އިތުރުން، މި ރިޒާވުން މަދުވެގެން 200 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ލިބެން ހުރިކަން ކަށަވަރުވެފައިވީ ނަމަވެސް، މާކެޓް ދިރާސާތަކުން ދައްކާ ގޮތުގައި މި އައު ފީލްޑުން އަމަލީ ގޮތުން އުފެއްދުންތެރިކަން ފަށައި، އޭގެ މަންފާ ލިބިގަތުމަށް އަދި އެތައް އަހަރެއް ހޭދަވާނެއެވެ.

މި އައު ރިޒާވް ހޯދުނުކަން އީރާނުން އިއުލާނުކޮށްފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އެ ގައުމުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާތަކާ ގުޅިގެން، ދުވާލަކު އުފައްދާ ގާތްގަނޑަކަށް 230 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފެއްދުމުގެ ގާބިލުކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ގެއްލުން ލިބުނު ވަސީލަތްތައް އަލުން އާރާސްތުކުރުމަށް ތެހެރާނުން މިހާރު ދަނީ ހަލުވި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަސަލުޔޭގައި ހަލާކުވި ޕްރޮސެސިން ހަތަރު ޕްލާންޓެއް މަރާމާތުކޮށް، ދުވާލަކު 95 އާއި 100 މިލިއަން ކިއުބިކް މީޓަރާ ދެމެދުގެ މިންވަރަކަށް އުފެއްދުންތެރިކަން އަލުން ގެނައުމަށް އީރާނުން ވަނީ އަމާޒު ހިފާފައެވެ.

އީރާނުގެ ހަކަތަ ބޭރުކުރުމުގެ ފުރުސަތުތައް ހަނިކުރުމަށް އެމެރިކާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އަލަށް ފެނުނު މި ރިޒާވަކީ އެ ގައުމުގެ އިގްތިސާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއް ކަމުގައި ބެލެވެއެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު އީރާނަކީ ދެވަނައަށް އެންމެ ބޮޑު ގުދުރަތީ ގޭހުގެ ރިޒާވް އޮންނަ ގައުމެވެ. އެ ގައުމުގައި ގާތްގަނޑަކަށް 32 ޓްރިލިއަން ކިއުބިކް މީޓަރަށް ވުރެ ގިނަ ގޭހުގެ ރިޒާވް ހުރިއިރު، މިއީ މުޅި ދުނިޔޭގެ ޖުމްލަ ގޭސް ރިޒާވްގެ ގާތްގަނޑަކަށް 17 އިންސައްތައެވެ. އީރާނުގެ އެންމެ ބޮޑު ގޭސް ފީލްޑަކީ ގަތަރާ ހިއްސާކުރާ، އަދި ދުނިޔޭގެވެސް އެންމެ ބޮޑު ގޭސް ފީލްޑް ކަމުގައިވާ މަޝްހޫރު "ސައުތު ޕާސް" އެވެ.

https://wamco.com.mv/
tel:+9607331319