
ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ޓީ.ބީ ނައްތާލުމަށް މަސައްކަތް ކުރައްވާނަން: ރައީސް

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 11:42
ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ޓީ.ބީ ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
ދުނިޔޭގެ ޓީ.ބީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ބަލި ފެތުރުން ހުއްޓުވުމާއި ފަރުވާ ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގައްޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ޓީ.ބީއަކީ އަދިވެސް އާންމު ޞިއްޙަތަށް އޮތް ބޮޑު ގޮންޖެހުމެއްކަން ރައީސް ވިދާޅުވިއެވެ.
ޓީބީ ބަލި މަދު ގައުމެއްގެ ގޮތުގައި ބަލައިގަނެފައި އޮތުމީ ދިވެހިރާއްޖެއަށް ލިބޭ ފަހުރެއް ކަމަށާ، އަދި މި ބަލި ނައްތާލުމުގައި ދުނިޔޭގެ އިސް ސަފުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބަލި، ދިވެހިރާއްޖެއިން ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު އަސާސީ މަސައްކަތްތަކުގެ ފެށުން، މި އަހަރު ފާހަގަކުރެވޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތްތަކުގައި އެންމެ އިސްކަން ދެވޭނީ އަވަހަށް ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ރެޕިޑް ޑައެގްނޯސްޓިކްސް ނުވަތަ ހަލުވިކަމާއެކު ބަލި ދެނެގަނެވޭނެ ތަހުލީލުތަކާއި ފެންވަރު ރަނގަޅު ފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަލި ފެތުރޭ މިންވަރު މޮނިޓާކޮށް ބެލެހެއްޓުން (ސަވޭލަންސް) ވަރުގަދަކުރުމުގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ކަށަވަރުކުރުމަކީ ވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަންކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ޓީބީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.
މި އަހަރުގެ ޝިއާރަކީ "ޔެސް ވީ ކޭން އެންޑް ޓީ.ބީ: ލެޑް ބައި ކަންޓްރީޒް، ޕަވަރޑް ބައި ޕީޕަލް" މި ޝިއާރެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި އަސްލު ޓީވީ އިން ހުރިހާ ކެންޑިޑޭޓުންނަށްވެސް ފުރުސަތު ދެނީ
2 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު ކަމުގެ ކުށުގައި މީހަކު ޖޫރިމަނާކޮށްފި
2 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގެ އިރުމަތިފަރާތް ހެދުމުގެ މަސައްކަތް ފަށައިފި
3 ގަޑިއިރު ކުރިން
55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމައި ޖުލައި މަހު ހުޅުވަނީ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)