
ޑައުން ސިންޑްރޯމުގެ ހާލަތަކީ ހަވާސާކުރަން ޖެހޭ ސަބަބެއް ނޫން!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 05 އޭޕްރީލު 2025 - 11:24
ޑައުން ސިންޑްރޯމަކީ ބައްޔެއްގެ ގޮތުގައި ބައެއް މީހުންނަށް އެނގިފައި އޮތަސް އެއީ ކުށް ގޮތެކެވެ. ޑައުން ސިންޑްރޯމަކީ ބައްޔެއް ނޫނެވެ. އެއީ އުފެދުމުގައި ހުންނަ ހާލަތެކެވެ. ޑައުން ސިންޑްރޯމަކީ ކްރޯމޮޒޯމްގެ 21 ވަނަ ޖޯޑުގައި އިތުރު ކްރޯމޮޒޯމެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ އައިބެކެވެ. އެހެންކަމުން މިހާލަތު މެދުވެރިވެފައިވާ މީހެއްގެ ހަށިގަނޑުގައި 47 ކްރޯމޮޒޯމް ހުންނާނެއެވެ. އާންމުކޮށް އިންސާނެއްގެ ހަށިގަނޑުގައި ހުންނަނީ 46 ކްރޯމޮޒޯމެވެ.
ޑައުން ސިންޑްރޯމާއެކު އުފަންވާ ކުދިންގެ ކިބައިން އަންނަނިވި ކަންތައްތައް ފާހަގަކުރެވޭނެއެވެ. އެގޮތުން، މޫނު ފުޅާވުމާއި ކަރު ކުރުވުމާއި ތުންފަތް އަދި ދޫ ބޮޑުވުމާއި ނޭފަތް ކުޑަވުމާއި ދެ ލޯ މައްޗަށް ލެނބިފައި ހުރުމާއި ކަންފަތް ތިރިއަށް ޖެހިފައި ހުރުން، މަސްތަކުގައި ވަރުނުހުރުން، ހިތް އަދި ގުރުދާ ރަނގަޅަށް އުފެދިފައިނެތުމުގެ އިތުރުން، ސިކުނޑީގައި އުނިކަމެއް ހުރުމާއި ފައިތިލަ، އަތްތިލަ އަދި އިނގިލިތަކުގެ ރޮނގުތައް ތަފާތުކޮށް ހުރުން އަދި ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް އުފެދުމުގައި ޖެހޭ ހިތުގެ ބަލިތައް ހުންނަކަމަށް ވަނީ ފާހަގަކުރެވިފައެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ކްރޮމޯޒޯމްއަށް އަންނަ ބަދަލުގެ ހަގީގަތް އަދި ހޯދިފައެއް ނުވެއެވެ.
ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔެއަށް އުފަންވާ ކޮންމެ 800 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޑައުން ސިންޑްރޯމް ހުންނަ ކުއްޖެކެވެ. 35 އަހަރުން މަތިވުމަށްފަހު އަންހެނުންނަށް ލިބޭ ކުދިންގެ ޑައުން ސިންޑްރޯމް ހުރުމުގެ ފުރުސަތު ބޮޑުކަމަށް ވެއެވެ. ފެންކޮތަޅުގައި ހުންނަ ފެނުން ފެން ނަގައިގެން އޭގައި އެކުލެވޭ ފީޓަލް ސެލްތައް ޓެސްޓުކޮށްގެން ކްރޯމޮޒޯމަށް ބަދަލު އައިސްފައިހުރިކަން ވިހެއުމުގެ ކުރިން ދެނެގަނެވިދާނެއެވެ. މާނައަކީ ވިހެއުމުގެ ކުރިން ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްކަން ދެނެގަނެވިދާނެއެވެ.
ޑައުން ސިންޑްރޯމާ ގުޅިގެން އުފެދޭ އައިބުތަކުގެ ތެރެއިން އުފެދުމުގައި ހިތުގައި ހުންނަ އައިބުތައް ފިޔަވައި އެހެން ގިނަ ކަންތައްތައް އޮޕަރޭޝަންކޮށްގެން ރަނގަޅު ކުރެވެއެވެ. އަދި އެފަދަ މީހުން ބޮޑުވެ ފުރާ ފުރިހަމަ މީހެއްގެ ގޮތުގައި އުޅުމުގެ ގާބިލިއްޔަތު ލިބިގެންދެއެވެ. އާންމުކޮށް ޑައުން ސިންޑްރޯމްގެ ހާކަތު ހުންނަ މީހުންނަކީ އުމުރު ކުރު ބައެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި އެމީހުންގެ އުމުރު އުޅެނީ 55 އަހަރުން ދަށުގައެވެ.
މިހެން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ޑިޖެނެރޭޓިވް ކަންޑިޝަން ނުވަތަ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްނެތިދާ މަރުހަލާ މާއަވަހަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ކުރިމަތިވާތީއެވެ.
ޑައުން ސިންޑްރޯމަކީ އުފެދުމުގައި ހުންނަ ޢައިބެއްކަމުން މިއީ މުޅި އުމުރަށް ހުންނާނެ ހާލަތެކެވެ. މިއީ ވަކި ޚާއްޞަ ފަރުވާއެއް އޮންނަ ކަމެއް ނޫނެވެ. ފަރުވާއަކީ ބަލިކުދިންނާއި އަޅާލައި އޯގާތެރިކޮށް ކަންތައް ކުރުމާއި، އެކުދިންނަށް ފަސޭހަވާނެ ހެން އެކި ކަންކަން ބައްޓަން ކޮށްދިނުމެވެ. އެކުދިންނަށް ބޭނުންވާ އެކި ކަހަލަ ބޭނުންތައް ފުދޭނެ ގޮތް ހަމަޖައްސައިދީފައި ހުރުމެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެންމެ ކުޑައިރުއްސުރެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ. އެފަދަ ކުދިންނަށް ބޭނުންވާނެ ޚިދުމަތްތައް އެކިއެކި ސިފަސިފައިގައި ގާއިމްކުރެވެން ޖެހެއެވެ.
ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކަށް ބޭނުންވާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ފިޒިކަލް ތެރަޕީ، ސްޕީޗް ތެރަޕީ، އަދި އޮކިޔުޕޭޝަނަލް ތެރަޕީއެވެ. ސްޕީޗް ތެރަޕީއަކީ ވާހަކަ ދެއްކުމުގެ ހުނަރު ރަގަޅުކުރުމަށް އެހީވެދޭނެ މަގެކެވެ. ފިޒިކަލް ތެރަޕީއަކީ ތަފާތު ޖިސްމާނީ ހަރަކާތްތައް ރަގަޅުކޮށްދޭނެ ކަމެކެވެ. އޮކިޔުޕޭޝަނަލް ތެރަޕީއަކީ ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަން ފުރިހަމަކުރުމަށް ލިބިދޭ ބާރަކަށްވާނެ ކަމެކެވެ. އެހެން ކަމުން މިފަދަ ޚިދުމަތްތައް އެކުދިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިފައި ހުރުން މުހިއްމެވެ.
ޑައުން ސިންޑްރޯމްއާ ގުޅިގެން އުފެދޭ އައިބުތަކުގެ ތެރެއިން އުފެދުމުގައި ހިތުގައި ހުންނަ ޢައިބުތައް ފިޔަވައި އެހެން ގިނަ ކަންތައްތައް އޮޕަރޭޝަންކޮށްގެން ރަނގަޅު ކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން