ޣައްޒާއަށް ހެދިގޮތް ހުޅަނގު އައްސޭރިއަށް ހަދާފާނެތީ އާންމުން ބިރުވެރިކަމެއްގެ ތެރޭގައި
ސައިފް އަޒުހަރު - 24 ޖެނުއަރީ 2025 - 07:35
އިސްތިއުމާރީ އިސްރާއީލުން ހުޅަނގު އައްސޭރީގައި މިހާރު ހިންގަމުންގެންދާ އުދުވާނުތަކުން، ޣައްޒާއަށް ހެދިހެން ހުޅަނގު އައްސޭރިއަށް ހަދާފާނެތީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް، ފަލަސްތީނުގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.
އިސްތިއުމާރީ ބާރުން ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއަށް ވަދެގަނެ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާތާ މިއަދަށް ވަނީ 4 ދުވަސް ވެފައެވެ.
ޖެނީން ސިޓީއާއި، އެ ސިޓީގެ މެދުތެރޭގައި އޮންނަ ޖެނީން ރެފިއުޖީ ކޭމްޕަށް އެއްގަމުމަގުން ވަދެގަނެ ބަޑިޖަހައިގެންނާއި، ބޮޑުބަޑީގެ ހަމަލާތައް ދީގެންނާއި، އަދި ވައިގެ ހަމަލާދީ މިހާތަނަށް 12 މީހުން ޝަހީދު ކޮށްލާފައި ވާއިރު، 50 އަށްވުރެ ގިނަމީހުން ޒަޚަމް ކޮށްލާފައި ވެއެވެ.
ޖެނީން ރެފިއުޖީ ކޭމްޕްގެ އެތައްހާސް އާއިލާއެއް ގަދަކަމުން ގެދޮރުން ނެރެ ފައްސާލާފައި ވެއެވެ. އަދި ޒުވާން އުމުރުގެ ހުރިހާ ފިރިހެނުން ގެންދަނީ ހައްޔަރު ކުރަމުންނެވެ.
އަދި ބުލްޑޯޒަރުތައް ވައްދައިގެން މަގުތައް ކަހައި ހަލާކުކޮށް، ގެތަކާއި އިމާރާތްތައް ވެސް ގެންދަނީ ވައްޓަމުންނެވެ.
ޖެނީންގައި އުދުވާނު އަދިވެސް ފުޅާކުރަމުން ގެންދާއިރު، މުޅި ހުޅަނގު އައްސޭރީގައި މީހުން ހައްޔަރު ކުރުމާއި، އަވަށްތަކާއި ރަށްތައް ރެއިޑްކުރުން ފުޅާކޮށްފައި ވެއެވެ.
އަދި ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި އިތުރު އެތައް ޗެކްޕޮއިންޓްތައް ޖަހައި، ފަލަސްތީނު ރައްޔިތުންގެ ހަރަކާތްތައް ހުއްޓުވަމުން ގެންދެއެވެ.
މިކަމާހެދި، ސިއްހީ ފަރުވާ ހޯދުންފަދަ އަސާސީ ޚިދުމަތް ހޯދުމަށްވެސް ހުރަސްއެޅި އަދި ވިޔަފާރި ކުރުމާއި، އެނޫންވެސް ކަންކަމުން ހުޅަނގު އައްސޭރީގެ ރައްޔިތުން މަހްރޫމްވަމުންދާ ކަމަށް، ފަލަސްތީނުން ރިޕޯޓް ކުރެއެވެ.
ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހެދުނު ނަމަވެސް، ހުޅަނގު އައްސޭރީގައި ހިންގާ އުދުވާނު ހުއްޓާލުމަށް އެއްބަސްވުމެއް ނެތެވެ.
ނަތަންޔާހޫ އަމުރުކޮށްގެން އުދުވާނީ ސިފައިން ޖެނީންއަށް ވަދެގަތީ ޖެނީން ރެފިއުޖީ ކޭމްޕާއި، ހޮސްޕިޓަލެއް ރެއިޑްކުރުމަށެވެ. އެކަމަކު، މުޅި ހުޅަނގު އައްސޭރި ގެންދަނީ ރެއިޑްކުރަމުންނެވެ. އިސްތިއުމާރީ ސިފައިންގެ އިތުރުން، ފަލަސްތީނު ސަރުކާރުގ ސަލާމަތީ ބާރުތަކުންވެސް ގެންދަނީ ޖެނީންގައި މުޖާހިދުން ފަހަމުންނެވެ.
2025 ވަނަ އަހަރު ފެށުނުފަހުން، އިސްތިއުމާރީ ސިފައިންނާއި، ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން މިހާތަނަށް 34 މީހުން ޝަހީދުކޮށްލާފައި ވާއިރު، އެތައްސަތޭކަ ބަޔަކު ޒަޚަމްވެފައި ވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދޭންފެށި ހަމަލާތަކާއެކު ހުޅަނގު އައްސޭރީގައިވެސް އުދުވާނުތައް ފަށައި މިހާތަނަށް 900 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދު ކޮށްލާފައި ވެއެވެ. ޒަޚަމްކޮށްލި މީހުންގެ އަދަދު އެތައްހާހަށް އަރައެވެ.
ގުޅުން ހުރި ޙަބަރުތައް
ރައީސް ސޯލިހް ދެއްވީ ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން!
2 އަހަރު ކުރިން
ދިވެހިންގެ އެހީގައި އަޅާ ފުރަތަމަ މިސްކިތް ފަލަސްތީނުގައި!
2 އަހަރު ކުރިން
ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން
ޖިނީނަށް އަރައި 37 އަހަރުގެ މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން