logo

އަންހެނުން: ގައުމުގެ އަތާއި ހިތާއި ފުރާނަ!

profile

ޒިދާން މުޙައްމަދު - 08 މާރިޗު 2025 - 10:42

މިއަދަކީ ކަނބަލުންނަށް ހާއްސަކޮށް ފާހަގަކުރާ ދުނިޔޭގެ އަންހެނުންގެ ދުވަހެވެ.

https://wamco.com.mv/

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 8 ވަނަ ދުވަހަކީ އިގްތިސާދީ، ސިޔާސި އަދި އިޖްތިމާއި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ މީގެ 109 އަހަރު ކުރިން 1911 ވަނަ އަހަރުގައެވެ.

އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރަގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އަދި އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ، ކުރަމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކުރުމާއި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއި މުޖުތަމައުގައި އެމީހުންނަށް ހައްގުވާ މަގާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ. މީގެ އިތުރުން، އަންހެނުންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ތީމަކީ "އެސެލެރޭޓް އެކްޝަން"އެވެ. ދުވަހުގެ ޝިއާރަކީ "އެންމެހާ އަންހެނުންނާއި އަންހެން ކުދިންނާއި ހައްގުތައް ހަމަހަމަކަން އަދި ބާރުވެރިކަން" މިއެވެ.

މިއަދު މި ކުޑަކުޑަ ރާއްޖޭގެ ހިމެނޭހެން ދުނިޔޭގެ ޖަމާއަތުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ހިއްސާ ބޮޑެވެ.

އިގްތިސާދީ ގޮތުން ކުރެވޭ މަސައްކަތްތަކާއި، އިޖުތިމާއީ ދާއިރާގައި އަންހެނުން ގެންދަނީ ނަމޫނާ ދައްކަމުންނެވެ. އަދި މިއަދުގެ ދުނިޔޭގައި ސިޔާސީ މައިދާނުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކޮށް، ބާރުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، އިގްތިސާދީ މަސައްކަތްތަކަށް އަންހެނުން ނެރުމަށް ރާއްޖޭގެ ސަރުކާރުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއްދާއިރާއެވެ. މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުނެވެ. ނަމަވެސް ސިޔާސީ އަދި އިޤްތިސާދީ ދާއިރާތަކުގައި އަންހެނުން އަދިވެސް އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައިވެސް ނިންމުންތައް ނިންމާ މަރުހަލާގައި އަންހެނުން ތަމްސީލުވާ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެތެރޭގައި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ކައުންސިލްތަކުގެ މެންބަރުންގެ އިތުރަށް ސަރުކާރާއި އަމިއްލަ މުއައްސަސާތަކާއި ވިޔަފާރީގެ ދާއިރާގައި އިސްކޮށް އަންހެނުން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

undefinedދިވެހި އަންހެނުންތަކެއް -- ފައިލް ފޮޓޯ

އެކަމަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދެވަނަ އަހަރުގެ ދުވަސްތައް ގުނަމުންދާއިރު އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެކަނބަލުން ބާރުވެރިކުރުވުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވަނީ އެ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމްގެ މޭސްތިރިކަމުގެ ދަށުގައި، މިވީ މުއްދަތުގެ ތެރޭގައި ރަނގަޅު ބަދަލުތަކެއް، ނުވަތަ ނަތީޖާތަކެއް ހާސިލްކޮށްފައިވެސްވެއެވެ.

ވިޔަފާރީގެ މައިދާނުގައި އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް އަންހެނުންނަށް ޚާއްސަކޮށްގެން 'ފަށާ މަދަދު' ލޯނު ސްކީމެއް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ވަނީ ތައާރަފުކޮށްފައެވެ. މި ލޯނު ސްކީމުގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި މިއަހަރުގެ ތެރޭގައި 60 ފަރާތަކަށް ވަނީ ލޯނު ހަމަޖައްސައިދީފައެވެ.

ސިއްހީ ނިޒާމުގެ ތެރެއިން އަންހެނުންނަށް ޚާއްސަ ބައެއް މައްސަލަތަކަށް އާސަންދަ ނިޒާމުގެ ތެރެއިން ފަރުވާލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތަކީ ވެސް މިއަހަރުގެ ތެރޭގައި ފެށިގެން ދިޔަ މަސައްކަތެކެވެ. ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު އިޞްލާޙު ކުރުމަށްފަހު އާސަންދަ ސްކީމްގެ ދަށުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލު ގެޒެޓްކުރެވި، އަންހެނުންނަށް ދިމާވާ "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ ސްކީމުން ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އާސަންދަ ސްކީމްގެ ތެރެއިން ލިބިނުދެވޭ ޚިދުމަތްތަކުގެ ދަށުން އިންފަރޓިލިޓީ އުނިކޮށް، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އިސްތިސްނާ ނުވާނެހެން، އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު އިސްލާހުކޮށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ޚިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ.

އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި އެ ގަވާއިގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން އައި.ޔޫ.އައި އަދި އައި.ވީއެފް ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އުސޫލު ވަނީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ގެޒެޓުކޮށް، އަމަލުކުރަން ފަށާފައެވެ. އައިވީއެފް ޓްރީޓްމަންޓް' ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެތައް ދެމަފިރިއެއްގެ ހަޔާތަށް ދިރުމާއި އުންމީދު ގެނެސްދިން ކަމެކެވެ. މީގެ އިތުރުން އާސަންދަ ސްކީމް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.

ސަރުކާރުން އަންނަނީ އަންހެނުންނަކީ ޤާބިލް ފުދުންތެރި އަދި ފަހުރުވެރިކަމާއެކު ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަށް، އަންހެނުންގެ ހައްގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ ސިޔާސަތުތައް އެކުލަވާލާ، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑު ވަރުގަދަކުރަމުންނެވެ.

ސައްކެތްވެސް ނެތެވެ. ދިވެހި އަންހެނުންނަކީ ގައުމުގެ އަތާއި ހިތާއި ފުރާނައެވެ. ގައުމަށް އުޖާލާކަމާއި ރޯޝަންކަން ގެނެސްދޭ ހަރުދަނާ ބަޔަކީއެވެ.

https://etukuri.mv/
https://www.aslu.com.mv