
މާލޭގެ ސަރަހައްދަކަށް ކުނި އެއްކޮށްފައި
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް!

ޔޫޝައު ހަސަން - 17 ޖެނުއަރީ 2023 - 10:10
މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހިނގާ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އެޅުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ޤާނޫން ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާއިން ލިބިދޭ ބާރުތަކާއި 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ޤާނޫނު ނަންބަރު 2010/11( އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މާލެ ސިޓީއަކީ އަމާންކަމާއި، ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 152 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކާއި، އުސޫލުތައްހަދައި، ހންގުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއަށް ލިބިދީފައިވާ ބާރުގެދަށުން "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިންގ ސެކިއުރިޓީ ޚިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުޞޫލު https://www.gazette.gov.mv/iulaan/209008ގެ ދަށުން ކަމުގައި މާލޭސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އާންމުކޮށް އަންގައި އިއުލާންކުރި މި އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަޞޭޙަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވެއެވެ. އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައެވެ.
27 ޑިސެންބަރު 2022 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. އެގޮތުން ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުނި އެޅުން މަނާ ސަރަޙައްދުތައް ފާހަގަވާނެހެން ބޯޑުތައް ހަރުކުރި ނަމަވެސް އެސަރަޙައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން މާލެ ސިޓީ ކައުންސިލަށް ފާހަގަވުމާއިއެކު ގެޒެޓް ކުރެވިފައިވާ " މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް" ދިނުމުގެ އުޞޫލު ގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ ޖެނުއަރީ 20 ވަނަ ދުވަހުންފެށިގެން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައެވެ.
މީގެ އިތުރުންވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ މި އުޞޫލުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން