
އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 ފެށުން
އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 ފަށައިފި

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 06:15
މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ކޮންފަރެންސް، އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 (އިންޒެކް 2026) މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު ޢާމިޒާއެވެ.
މާލޭ އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު ޝިއާރަކީ ނާޒުކު ހާލަތްތަކުން އަރައިގަތުމަށް ބޭނުންވާ ވަރުގަދަ އަސާސްތައް: ޒަމާނީ މުޖުތަމައުތަކުގައި ނާޒުކުކަމާއި، އިގްތިސާދީ ނުފޫޒާއި، އެކުވެރި ރައްކާތެރިކަމުގެ ނިޒާމުތައް ދެނެގަތުން އެވެ،
މި ރަސްމިއްޔާތުގެ ތެރެއިން، މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
މި ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސްލާމީ އިޖުތިމާއީ މާލިއްޔަތު ކުރިއެރުވުމަށްޓަކައި އެ މުއައްސަސާއިން ކަނޑައަޅާފައިވާ ދުރުރާސްތާ މިސްރާބު ހާމަކޮށްދޭ ޕްލޭނެކެވެ.
މީގެއިތުރުން، ޒަކާތު ހައުސްއިން ހޯދާފައިވާ ކާމިޔާބީތަކާއި އެ މުއައްސަސާގެ ތަރައްގީއަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތައް ދައްކުވައިދޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް މި ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ.
މި ކޮންފަރެންސަކީ އިސްލާމީ އިޖުތިމާޢީ މާލިއްޔަތާއި، ޒަކާތުގެ ނިޒާމު ހިންގުމާއި، އިގްތިސާދީ ތަރައްގީގެ ދާއިރާގެ ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ ފަންނީ މާހިރުންނާއި، ދިރާސާވެރިން އެއް ފުރާޅެއްގެ ދަށަށް ޖަމާކޮށްދިން މުހިންމު ފޯރަމެކެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ފަގީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިމާވާ ޒަމާނީ ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

މީޑިއާ ކޮމިޝަންގެ ރައީސް ކަމުން ފަރުޝަތު އިސްތިއުފާ ދެއްވައިފި
39 މިނިޓު ކުރިން

މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
40 މިނިޓު ކުރިން

ގައުމިއްޔަތު ކިޔަވައިދޭން ފެށީ ސިޔާސީ ބޭނުމެއްގައި: އަމީން ފައިސަލް
40 މިނިޓު ކުރިން

ހުޅުމާލޭގައި ހުއްދަނެތި ހިންގި 4 ކެފޭއެއް ބަންދުކޮށްފި
2 ގަޑިއިރު ކުރިން


