![އޮމާންގެ މުސަންދަމް ސަރަޙައްދުން ބަލާއިރު، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ފެންނަ މަންޒަރެއް [ރޮއިޓާސް]](/_next/image?url=%2Fpanel-content%2Fuploads%2F2026%2F11%2F2026-11-23T075218Z_1238180856_RC2FTOAZNMUN_RTRMADP_3_IRAN-CRISIS-OMAN-HORMUZ-1795553073.webp&w=3840&q=75)
އޮމާންގެ މުސަންދަމް ސަރަޙައްދުން ބަލާއިރު، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ފެންނަ މަންޒަރެއް [ރޮއިޓާސް]
ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ބޯޓުތައް ވައްޓާލާނެ ކަމަށް ބުނެ އީރާނުން އިންޒާރުދީފި

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 14:05
އީރާނުގެ ވައިގެ ސަރަހައްދަކީ ހުރަސްކޮށްގެން ނުވާނެ "ރަތް ރޮނގެއް" ކަމަށް ކަނޑައަޅައި، ހުއްދައެއް ނެތި އެ ސަރަހައްދަށް ވަންނަ ކޮންމެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވައްޓާލާނެ ކަމުގެ ހަރުކަށި އިންޒާރު އެ ގައުމުން ދީފިއެވެ.
މި އިންޒާރު އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ގައުމުގެ އިސްތިގުލާލާއި ވައިގެ ސަރަހައްދު ދިފާއުކުރުމުގައި އެއްވެސް ދުލެއް ނުދޭނެއެވެ. އަދި ދާދި ފަހުން ހިނގައިދިޔަ އަސްކަރީ ކުރިމަތިލުންތަކުގައިވެސް ގަވާއިދާ ޚިލާފަށް އެތެރެވި އުޅަނދުތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބު ހޯދާފައިވާކަން އީރާނުން ވަނީ ހަނދާންކޮށްދީފައެވެ.
ހަމައެއާއެކު، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމަށް އީރާނުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރަސްއަޅަން ކުރާ ކޮންމެ މަސައްކަތަކީ، އެފަދަ އުޅަނދުފަހަރާއި އެ އުޅަނދުތަކަށް އެހީތެރިވާ ފަރާތްތަކަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ބުނެފައެވެ. މި އިންޒާރުގެ ތެރޭގައި، ދާދި ފަހުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދިނުމުގެ ނަމުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރިއްޔާވެސް ހިމެނޭ ކަމަށް އައި.އާރު.ޖީ.ސީން ވަނީ ފާހަގަކޮށްފައެވެ.
އީރާނުގެ މި ހަރުކަށި ސްޓޭންޑާ ގުޅޭގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ގައުމުގެ ދިފާއުގައި އަޅަންޖެހުނު ކޮންމެ ވަރުގަދަ ފިޔަވަޅެއް އެޅުމަށް އީރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް، އެމެރިކާއިން އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް އަމަލުކުރާނަމަ، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
އެހެންނަމަވެސް، އީރާނުން އަދިވެސް އެ ގައުމުގެ ޝަރުތުތަކަށް ދޫނުދީ ހިފަހައްޓަމުން ދަނީ އެމެރިކާއަށް އިތުބާރު ނުކުރެވޭތީ ކަމަށް ތެހެރާނުން ބުނެއެވެ. އީރާނުގެ އޮފިޝަލުން ދެކޭގޮތުގައި ވޮޝިންޓަނުން މީޑިއާތަކުގައި ދައްކާ ވާހަކަތަކާއި، އަމަލީ މައިދާނުގައި ފެންނަ ކަންކަމާ އެއްވެސް ވަރަކަށް ދިމައެއް ނުވެއެވެ.
މި ކުރިމަތިލުންތަކާއި ބަހުގެ ހަމަލާތައް އިތުރަށް ގަދަވެފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ދެ ރައްޔިތަކު މަރުވި ނުރައްކާތެރި ހަމަލާގެ ފަހަތުގައި ވަނީ އީރާނު ކަމަށް ބުނެ ކުވެއިތުން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. އީރާނުން ވަނީ ކުވެއިތުގެ މި ތުހުމަތުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
މީގެ އިތުރުން، އީރާނުން ތުހުމަތުކުރާ ގޮތުގައި މިފަދަ ހަމަލާތަކަކީ އެމެރިކާ އާއި އިސްރާއީލު ގުޅިގެން ސިއްރިއްޔާތުގައި ރާވައިގެން ހިންގާ "ފޯލްސް ފްލެގް" ނުވަތަ އޮޅުވާލުމުގެ އޮޕަރޭޝަންތަކެކެވެ. މިއީ މުޅި މެދުއިރުމަތީގެ މަސްރަހު ގަޑުބަޑުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި އީރާނުގެ އަގު ވައްޓާލުމަށާއި، އީރާނަށް އަލުން އަސްކަރީ ހަމަލާއެއް ދިނުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން ހިންގާ ޖަރީމާތަކެއް ކަމަށް ތެހެރާނުން ވަނީ ސިފަކޮށްފައެވެ.
ފާއިތުވި މަސްތަކުގައި މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ވަނީ އިންތިހާއަށް ގޯސްވެފައެވެ. ޚާއްސަކޮށް ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި އަނިޔާވެރި އުދުވާންތަކާ ގުޅިގެން، ސަރަހައްދީ ބާރުތަކުގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ. އީރާނާ ގުޅުންހުރި ޖަމާއަތްތަކުން އެމެރިކާ އަދި އިސްރާއީލުގެ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، ހޮރްމުޒް ކަނޑުއޮޅި އަދި ރަތްކަނޑުގެ ސަލާމަތީ ކަންކަން ވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.
ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މި ސަރަހައްދުގައި އެމެރިކާއިން އަސްކަރީ ބާރު ގަދަކުރުމަކީ އީރާނުން އަބަދުވެސް ދެކޮޅުހަދަމުން އަންނަ ކަމެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ކުޑަ ނަމަވެސް އަސްކަރީ ގޯހެއް ހެދިއްޖެނަމަ، މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިލިޔާސް އިބްރާހީމަށް ދައުލަތުން ފައިސާ ދީފިނަމަ އެއީ ސީދާ ކޮރަޕްޝަން: މަލީހް
15 ގަޑިއިރު ކުރިން

މިއަދު ގާނޫނުތައް ހަދަނީ އަލް އައްބާރު ބުނާގޮތަށް: މައުރޫފް
16 ގަޑިއިރު ކުރިން

ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރި ބައެއްގެ މައްސަލަ ސާބިތުނުވި ނިންމުން އިސްތިއުނާފު ކުރަނީ
16 ގަޑިއިރު ކުރިން

ސަމްޕާ ސަރަޙައްދުގައި ބޭނުންކުރާ އުޅަނދުތަކުގައި ޕްރޮޕެލާގާޑް ހަރުކުރަން އަންގައިފި
16 ގަޑިއިރު ކުރިން


