logo
ގއ. ނިލަންދޫ

ގއ. ނިލަންދޫ

ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރި ބައެއްގެ މައްސަލަ ސާބިތުނުވި ނިންމުން އިސްތިއުނާފު ކުރަނީ

profile

އާމިނަތު ޝަޒްލާ - 27 ނޮވެމްބަރު 2026 - 10:26

ގއ. ނިލަންދޫ މަގުމަތީގައި ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަޑުގަދަކޮށް، ތޫނު ހަތިޔާރު ގެންގުޅެ، މާރާމާރީ ހިންގަން އުޅުނު ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމައިފިއެވެ.

https://wamco.com.mv/

ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މި މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ގއ. ނިލަންދޫ، ފެހިވިނަ، މުއުމިން ޙަސަން އަދި އެ ރަށު ސަރްދީގެ، ޢަލީ އިބްރާހީމްގެ މައްޗަށެވެ. މިއީ 2025 މޭ 29 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ނިލަންދޫގެ މަގުމަތީގައި ތޫނު ހަތިޔާރު ހިފައިގެން ނުކުމެ، ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ ގޮތަށް ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން 2025 ޖުލައި 23 ގައި ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާތަކުގެ ތެރޭގައި، މުއުމިން ޙަސަންގެ މައްޗަށް މަޤްބޫލު ސަބަބެއްނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޢާންމު ތަނެއްގައި ހުރެ މާރާމާރީހިންގައި ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އަދި ޢަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ޢާންމު ތަނެއްގައި ހުރެ ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުގެ ދަޢުވާއެވެ.

މި ދަޢުވާތަކުގައި ބަޔާންކޮށްފައިވާ ޢަމަލުތައް އެ ދެ މީހުން ހިންގިކަމަށް ބާރުދީ، ދައުލަތުގެ ފަރާތުން ހުށަހެޅި 4 ޝަފަހީ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާ ކަމަށާއި، ހުށަހެޅި ފޮޓޯ ރިޕޯޓުންވެސް އެކަން ސާފުވާން އޮތް ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ. އެހެންނަމަވެސް، 2026 ނޮވެންބަރު 26 ގައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދަޢުވާތައް ސާބިތުނުވާ ކަމަށް ޙުކުމް ކޮށްފައެވެ.

ކޯޓުން އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ، ދަޢުވާ ފޯމުގައި ކުށުގެ ޢަމަލު ހިނގި ސަރަޙައްދު ބަޔާންކުރުމުގައި އިދާރީ ކުށެއް ލިޔެވިފައި އޮތުމެވެ. ޕީޖީ އޮފީހުން ވިދާޅުވީ، އެއީ އިދާރީ ކުށެއް ކަމާއި ރަނގަޅު ގޮތަކީ ކޮބައިކަން ޝަރީޢަތުގެ މަޖިލީހުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ. އަދި ޤާނޫނީ ގޮތުން މި ކުށުގެ ޢުންޞުރު ފުރިހަމަވަނީ ޢާންމު ތަނެއްގައި އެފަދަ ޢަމަލެއް ހިންގުމުން ކަމަށާއި، ވަކި ޚާއްޞަ ތަނެއް ކައިރީގައި ހިނގިކަން ބަޔާންކުރުމަކީ ކުށުގެ ރުކުނެއް ނޫން ކަމަށްވެސް އެ އޮފީހުން ބަޔާންކުރެއެވެ.

މީގެއިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގައިވާ ގޮތުން، ދަޢުވާ ފޯމުގައި ލިޔެވިފައިވާ ކުށެއްގެ ސަބަބުން ދަޢުވާލިބޭ ފަރާތަށް ދަޢުވާ އޮޅިދާނެ ފަދަ ޙާލަތެއް މެދުވެރިނުވާހާ ހިނދަކު، އެފަދަ ކަމަކުން މުޅި ދަޢުވާއަށް އަސަރު ނުކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، މި ސަބަބުތަކަށްޓަކައި ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ދެކޭތީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

https://wamco.com.mv/
tel:+9607331319