
ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހާލުގައި ޖެހިފަ
ބިދޭސީންގެ ހައްޤުތައް ކަށަވަރުކޮށްދޭން ގޮވާލައިފި

އަހުމަދު ޒަލީފު - 12 ޖެނުއަރީ 2023 - 05:05
ރާއްޖެއަކީ ނިޞްބަތުން ބިދޭސީން މަސައްކަތްތެރިން ގިނަ ޤައުމެއް ކަމަށާއި، ބިދޭސީންގެ ހައްޤުތައް ކަށަވަރުކޮށްދީ އެކަމާއި ގުޅޭގޮތުން އެކުލަވާލާފައި ހުރި ޤާނޫނުތައް ތަންފީޒުކުރުމަށް، މިޝަން ފޯރ މައިގްރަންޓް ވޯކަރސް އިން މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް) އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު މާލޭގެ ދެކުނުގައި ހުންނަ ނީލަން ފިހާރައިގައި އަލިފާނުގެ ހާދިޘާއެއް ހިނގާ އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ނީލަން ފިހާރާއާއި ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ އެކަމަޑޭޝަން ބްލޮކެއްގައި ބަނީ އަލިފާން ރޯވެފައެވެ. މިއީ މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންތަކެއް ބޭއްތިއްބުމަށް ތައްޔާރުކޮށްފައިވާ އެކަމަޑޭޝަން ބްލޮކެކެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ފެތުރު ބިދޭސީން މަސައްކަތްތެރިން ތިބޭ ތަނެއްގައިވެސް ރޯވުމުގެ ސަބަބުން 170 އަށްވުރެ ގިނަ ބިދޭސީން ވަނީ ވަގުތީ ހިޔާއަކަށް ބަދަލު ކުރަން ޖެހިފައެވެ. އެގޮތުން، އެ ފަރާތްތައް ތިބުމަށް މިހާރު ހަމަޖައްސާފައިވަނީ ކޮވިޑް ފެސިލިޓީއެއް ގޮތަށް ބޭނުންކުރި ފަރުކޮޅު ފުއްޓެވެ.
މިޝަން ފޯރ މައިގްރަންޓް ވޯކަރސް އިން މޯލްޑިވްސް (އެމް.އެމް.ޑަބްލިއު.އެމް) އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ، ބިދޭސީ މަސައްކަތްތެރިންނަށް ރަނގަޅު މާޙައުލެއް ހޯދައިދިނުމަކީ އެ ފަރާތްތައް ރާއްޖެ ގެންނަ ފަރާތްތަކުގެ ބޮލުގައި އެޅިފައި އޮންނަ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް ކަމަށާއި، ބިދޭސީ މަސައްކަތްތެރިން ތިބޭ ތަންތަނުގައި މިފަދަ ހާދިޘާތައް ހިނގައިގެން ދިއުމުގެ ސަބަބުން، ވަރަށް ބޮޑެތި ގެއްލުންތަކާއި އެ ފަރާތްތައް ކުރިމަތިލާން ޖެހޭ ކަމަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބިދޭސީ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ބަލާ މިންގަނޑުތަކަށް ނުފެތޭ ޙާލަތްތަކުގައި އެކަށޭނަ ފިޔަވަޅު އެޅުމަށް އެމްއެމްޑްބްލިޔުއެމް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ވުޒާރާތަކަށް ހަނދާންކޮށްދީފައިއެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށްވެސް ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމަށްވެސް މި ޖަމިއްޔާތަކުން ޚިޔާލު ހުށަހަޅާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެއްޖެ
3 އަހަރު ކުރިން

ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާގައި 289 ބިދޭސީން ހާލުގައި ޖެހިއްޖެ!
3 އަހަރު ކުރިން

ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު މުވައްޒަފުންނާއި މޭޔަރު ބައްދަލު ކުރައްވައިފި
3 އަހަރު ކުރިން

ޑެންގޫ ޖެހިގެން ނިޔާވި ބިދޭސީއަކާ ހަވާލުވާނެ މީހަކު ނެތިގެން މާލެ ގެންނަނީ
3 އަހަރު ކުރިން


