logo

10 މަސްތެރޭ 234 ޒުވާން ޚަޠީބުން ތަމްރީނު ކޮށްފި

profile

އައިޝަތު އިނާޝާ - 18 ސެޕްޓެމްބަރު 2024 - 22:23

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  (ފޮޓޯ/ ރައީސް އޮފީސް)

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ފޮޓޯ/ ރައީސް އޮފީސް)

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 234 ޒުވާން ޚަޠީބުން ތަމްރީނު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވިނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ޕްރޮގުރާމާއި ބެހޭގޮތުން ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެ ބެޗެއްް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ބެޗުގައި 65 ޒުވާން ޚަޠީބުން އަދި ދެވަނަ ބެޗުގައި 169 ޒުވާން ޚަޠީބުން ތަމްރީން ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިއަދު މުޖުތަމަޢުން ބަލައިގެންފައިވާ ޕްރޮގުރާމެއް ކަމަށާއި، ރަށްރަށުގެ ކައުންސިލްތަކުން ޒުވާން ޚަޠީބުންނަށް މަރުޙަބާ ދަންނަވާ، ބޮޑެތި ޖަމާޢަތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށާއި، މި ޕްރޮގުރާމަކީ ގިނަ ރަށްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޕްރޮގުރާމެއް ކަމަށެވެ.

މީގެ މާނަ އަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އިސްލާމީ މުސްތަގްބަލް އިދާރަކުރެއްވިއްޔާ އޮތީ ވަރަށް ފާގަތިކޮށްކަން. މިޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން އަޅުގަނޑު ފާހަގަ ކުރަން. މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއެކު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ރަށްތަކުގައި ޚަޠީބުން މުސްކުޅިކުރައްވާފައިވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ޚަޠީބުންގެ ދަތިކަން ހުރިކަން ފާހަގަކުރެއްވުނު ކަމަށާއި، ޒުވާން ޖީލެއް މިކަމުގެ ތެރެއަށް ނެރެދެއްވުމަށް ފެށްޓެވި މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިންވަނަ ބެޗެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވަޒީރު ވަނީ މީގެކުރިން އިޢުލާން ކުރައްވާފައެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާ ކަމަށާއި އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯއްދަވައި ދެއްވުން ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިމާމުންނަށް އިތުރު ތަމްރީން ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯދާފައިވާއިރު 20 އިމާމުން އިތުރު ތަމްރީނަށް ބުރޫނާޢީއަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިމާމުންނަށް ރަނގަޅު ތަމްރީން ދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެގޮތުން މިހާތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައިވާ ކަމަށާއި މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވާލެއްވޭނެ ކަމަށެވެ.


tel:+9607331319