logo

ރައްކާ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްއާރުސީ ހޯދައިފި

profile

އާމިނަތު ޝަފާ - 16 އޯގަސްޓު 2024 - 19:59

ރައްކާ ވޮލީބޯޅަ މުބާރާތުގެ ތެރެއިން

ރައްކާ ވޮލީބޯޅަ މުބާރާތުގެ ތެރެއިން

ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ރައްކާ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޑީއެސްއާރުސީ ހޯދައިފިއެވެ.

ޑީއެސްއާރުސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ދަޑިމަގު ވޯލީބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ދޫޑިގަން އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްއާރުސީގެ ޖާޒީ ނަމްބަރ 7 އަޙްމަދު ޞަބާޙްއެވެ.

ފައިނަލް މެޗު ނިމުމުން، މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ތައްޓާއި މެޑަލް އަދި ޗެމްޕިއަންޓީމަށް ފައިސާގެ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަން އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ޑީއެސްއާރުސީގެ ޖާޒީ ނަމްބަރ 11 އަޙްމަދު މުއާޒް އާއި ޑީއެސްއާރުސީގެ ޖާޒީނަމްބަރ 3 މުޙައްމަދު ޢަލީ އާއި ދޫޑިގަންގެ ޖާޒީ ނަމްބަރ 2 ނާއިލް ޢަލީ އާއި ދޫޑިގަންގެ ޖާޒީ ނަމްބަރ 10 އައްބާސް އިބްރާޙިމް އާއި ޑީއެސްއާރުސީގެ ޖާޒީ ނަމްބަރ 7 އަޙްމަދު ޞަބާޙްގެ އިތުރުން ޑީއެސްއާރުސީގެ ޖާޒީ ނަމްބަރ 14 އަޒުމީ މުޙައްމަދުއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ޑީއެސްއާރުސީގެ ޖާޒީ ނަމްބަރ 9 މުޙައްމަދު އަޙްމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް .ހޮވިފައިވަނީ ޑީއެސްއާރުސީގެ ކޯޗް އައިމިނަތު ސިހާނާއެވެ. ފިރިހެން ޑިވިޜަންގެ ފެއަރ ޕްލޭ ޓީމަކީ ހޯދަޑު ސްޕޯރޓްސް ކްލަބެވެ

ރޭ ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަންސް އެންޑް މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއާއި ފުވައްމުލަކު ސިޓީ ކައުންސިލަރ އަބްދުﷲ ނާސިރުއަޙްމަދުއެވެ. ރޭގެ ރަސްމިއްޔާތުގައި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙް އަދި ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަސީލް އާއި ފުވައްމުލަކު ސިޓީ ކައުންސިލަރުންނާއި ފުވައްމުލަކު ސިޓީ އަންހެނުން ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ ފާތިމަތު ނާފިޔާ ބައިވެރި ވެލެއްވިއެވެ.

ރައްކާ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުރިއަށްދިޔަ ވަގުތު މެޗު ބެލުމަށް ވޮލީކޯޓަށް ހާޒިރުވެތިބި ކުދިި ބޮޑު އެންމެންނަށް ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުއައްޒަފުންވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއސާކޮށްފައިވެއެވެ.

އަދި އާއްމުކޮށް ދިމާވާ ޓްރެފިކް މައްސަލަތަކާއި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ކުރެވިދާނެކަންކަމުގެ އިތުރުން އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. ހަމައެއާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފައިނަލު މެޗުގެ ކުޅުންތެރިންނާއި ސަޕޯރޓަރުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ސުވާލުކޮށް އެފަރާތްތަކުން ދެކޭ ގޮތްވެސް އޮޅުން ފިލުވާފައިވެއެވެ.

ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން އެ ސިޓީގެ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ރާވައި ހިންގުމުގައި ހަރަކާތްތެރިވަނީ ޕޮލިސް ކުލަބެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވިއަން، ފުވައްމުލަކު ސިޓީ ޕޮލިސް، ފުވައްމުލަކު ސިޓީ ކައުސިލު އިދާރާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ސްކޫލުތަކާއި ސަރުކާރު މުއައްސަސާތަކާއި، އޮބިއޯންގެ އިތުރުން ޕްލޭކިޑްސްގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

tel:+9607331319