logo

ރައީސް މައުމޫންގެ އެމްއާރްއެމް އުވާލުމުުގެ މަސައްކަތް ފަށައިފި

profile

ޝުރުފާ މުހައްމަދު - 15 އޮކްޓޯބަރު 2024 - 18:43

މޯލްޑިވްސް ރިފޯމް މޫވްމަންޓް---ފޮޓޯ: ސަން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް---ފޮޓޯ: ސަން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ވަނީ އެ މަސައްކަތް ފަށާފައިވާކަން ހާމަކޮށް، އެ ޕާޓީ އިިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، 2024 ނޮވެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށް، އެ ޕާޓީގެ އޮފީހަށް ހުށަހަޅާ އެކަން ހަމަޖެއްސުމަށް އެދިފަ އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ހެދި ކޯލިޝަނުގައި ރައީސް މައުމޫންގެ ފަރާތުން ބައިވެރިވުމަށާއި، އެމަނިކުފާނާއި އެކު މަސައްކަތްކުރަން އިސް ސަފުގައި ހެދި ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓިއެއްގެ ގޮތުގައި ރަޖިސްޓަރ ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރ ކުރެވޭނީ މަދުވެގެން 3،000 މީހުން ހަމަވެގެންނެވެ. އެ ޕާޓީ އުވާލަން އީސީން ނިންމާފައި މިވަނީ އެ އަދަދަށް މީހުން ހަމަނުވާތީ އެވެ. މިގޮތަށް އީސީން ނިންމި މިއީ 2 ވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ ނިންމުން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު އެވެ.

އެމްއާރްއެމް އުވާލުމަށް އީސީ އިން އޭރު ނިންމުމާ ގުޅިގެން އެ ޕާޓީން އީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން އޭރު ނިންމީ އީސީގެ ނިންމުން ގާނޫނާ ހިލާފު ކަމަށްވާތީ އެ ނިންމުމަށް އަމަލު ނުކުރުމަށެވެ.

އޭގެ ފަހުން އެ ކޮމިޝަނުން އަނެއްކާ ވެސް ޕާޓީ އުވާލަން ނިންމާ އެކަން އެންގީ މިދިޔަ އޮގަސްޓު މަހުގެ 25 ގަ އެވެ. އެއީ ވެސް ހަމަ ޕާޓީގައި މެމްބަރުންގެ އަދަދު ހަމަނުވާތީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،234 މެންބަރުންނެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވާ ރާއްޖޭގައި އުފެއްދި ދެވަނަ ސިޔާސީ ޕާޓީ އެވެ. ފުރަތަމަ ޕާޓީ އަކީ ޑީއާރްޕީ އެވެ.


https://wamco.com.mv/
tel:+9607331319