އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ހޮންގްކޮންގް ގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ހޮންގްކޮންގްގެ އައިސީއޭސީގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަހުމުނާމާގައި ސޮއިކުރެއްވީ، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ. އައިސީއޭސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނަރ ޑެނީ ޔެންގ މިންގ ވޫ އެވެ.
ހޮންގް ކޮންގް ގެ އައިސީއޭސީ އަކީ، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުކުރުމާއި ކޮރަޕްޝަން ހުއްޓުވުމުގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މުއައްސަސާއެކެވެ.
މި ފަހުމުނާމާގެ ދަށުން ކުރެވޭނެ މައިގަނޑު ކަންތައްތަކަކީ:
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުޤީޤުތަކާއި ގުޅޭ މަޢުލޫމާތު ބަދަލު ކުރުން؛
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިޢާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުން؛
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކަންތައްތައް ވިޔަނުދިނުމަށް (ޕްރިވެންޝަން) އެހީތެރިކަން ފޯރުކޮށްދިނުން؛
- ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަޙުޤީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަމާއި އެއްބަރުލުން ދިނުން؛
- ދެ ފަރާތް ގުޅިގެން ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ހުއްޓުވުމާއި މަނާކުރުމާ ގުޅުންހުރި ފޯރަމްތަކާއި، ސެމިނަރތަކާއި، ކޮންފަރެންސްތަކާއި ވަރކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން؛
- ކޮރަޕްޝަނާއި މަނީ ލޯންޑްރިންއާއި ދެކޮޅަށް މަސައްކަތްކުރުމުގައި "ބެސްޓް ޕްރެކްޓިސް"ތަކުގެ މަޢުލޫމާތު ބަދަލުކުރުމާއި، ދެކޮމިޝަން ގުޅިގެން ދިރާސާކުރުން؛
- ދެ ފަރާތްގުޅިގެން މުޖުތަމަޢާއި ފަރުދުންނާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން؛
- މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަންދިނުން؛
އޭސީސީގެ ރައީސް ހޮންގް ކޮންގްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހުރިހާ ހަރަދުތައް ހަމަޖައްސައިދިނީ އައި.ސީ.އޭ.ސީ އިންނެވެ.
.