logo

އޭސީސީ އާއީ އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސަށް ދޭ ބިލު ބަލައިގެންފި

profile

އައިމިނަތު ރޫޔާ - 05 ނޮވެމްބަރު 2024 - 17:30

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އޭސީސީގެ ގާނޫނު އަދި އީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެ މުޅި މަޖިލީގެ ކޮމިޓިއަށް ފޮނުވައިފިއެވެ.

އެ ދެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ދިއްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

މިއަދުގެ ޖަލްސާގައި އޭސީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމުރިއްޔާއަށް ދޭ ގޮތަށް ހުށަހެޅި ބިލް ބަލައިގަތީ 60 މެމްބަރުންގެ ވޯޓާއެކުގައެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ 5 މެމްބަރުންނެވެ.

އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމުހިއްޔާއަށް ދޭ ގޮތަށް ހުށަހެޅި ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 60 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 6 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގަތުމާއެކު ދެ ބިލު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިތުރަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

މި ދެ ބިލުގައިވަނީ އޭސީސީ އަދި އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރުމަށް، ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާނީ އެ އިރެއްގައި ހުންނަވާ ރައީސުލްޖުމުހިރިއްޔާ ކަމަށެވެ. އެގޮތުން ރައީސް އައްޔަންކުރައްވާ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ރައީސުލްޖުމުހިރިއްޔާއަށް ސިޓީއެއް ފޮނުވުމުން ވަޒީފާއިން ވަކިވެވޭނެކަމަށެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ކޮމިޝަނުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ، މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ އުނިކުރުމަށް ވެސް އެ އިސްލާހުގެ ބިލުގައިވެއެވެ.

މިހާރު ގާނޫނުގައިވާ ގޮތުން އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި އެ މަގާމަށް އައްޔަންކުރަން ބޭނުންވާ ފަރާތްތަކުގެ ނަންތައް ރައީސް މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. މި ނަން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

https://wamco.com.mv/
tel:+9607331319