logo

ނިމިދިޔަ ސަރުކާރުން ދައުލަތުގެ ފައިސާ ބޭނުންކުރަމުންދިޔައިރު، އޭސީސީން ތިބީ ކުޅި ބަލަން: އައްބާސް

profile

އައިމިނަތު ރޫޔާ - 25 ނޮވެމްބަރު 2024 - 11:56

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-- ފޮޓޯ: މަޖިލިސް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-- ފޮޓޯ: މަޖިލިސް

ނިމިދިޔަ ސަރުކާރުން ދައުލަތުގެ ފައިސާ ބޭނުންކުރަމުން ދިޔައިއިރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިބީ ކުޅި ބަލަން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ އެންޓި-ކޮރަޕްޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

މެމްބަރު ވިދާޅުވީ މަޖިލީހަށް ވަން ދުވަހުން ފެށިގެން ވެސް އޭސީސީ މެމްބަރުން ހަމަ ސީދާ ބޭރުކުރަން ޖެހޭ ކަމަށް އޭނާ ގޮވާލައްވާފައިވާނެ ކަމަށެވެ.

"ނިމިގެންދިޔަ ފަސްއަހަރުގެ ވެރިކަމެއްގެ ތެރޭގައި އެބޭފުޅުން 24 ގަޑިއިރުން، އޯވާރ ނައިޓަކުން އޭސީސީ ބަދަލުކޮއްލެއްވީ. 24 ގަޑިއިރުތެރޭ 5 މެމްބަރުން ބޭރުކޮށްލެއްވީ." މެމްބަރު

މީގެއިތުރުން މެމްބަރު ވަނީ، ނިމިގެންދިޔަ ފަސްއަހަރު އޭސީސީ އޮތް ނަމަވެސް،، އޭރުގެސަރުކާރުގެ ބޮޑުންނަށް ބޮޑެތި އަދަދުތަކުން ރައްޔިތުންގެ ފައިސާއިން ބަދަލުދީ، ކުންފުނިތަކަށް ހިތު ހުރިހާ އަގެއްގައި މަސައްކަތްތައް ދެމުން ދިޔައިރު އޭސީގެ ކޮބައިތޯ ސުވާލުކުރައްވާފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ބޮޑެތި ޖަރީމާ ހިންގަމުން ދިޔައިރު އޭސީސީގެ ޒިންމާ ކޮބައިތޯ މެމްބަރު ސުވާލުކުރެއްވިއެވެ.

ހަމަމިއާއެކު، މެމްބަރު ވިދާޅުވީ އޭސީސީން ހަރަކަތްތެރިވާންޖެހޭނީ މާލޭގައި އޮތް އެންމެ ހަ މުއައްސަސާއަށް ބެލުމަށް ނޫންކަމަށާއި، މުޅި ރާއްޖޭގައި ހިނގަމުންދާ ކަންކަން ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

"މިއަދު އޭސީގެ ދިފާއުގައި އެމްޑީޕީން ނިކުތީތީވެ، އަޅުގަނޑު އަމިއްލަ ނަފްސަށް ލަދުވެތިވަން." މެމްބަރު

މެމްބަރު ވިދާޅުވީ ގެނެވުނު އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް ކަމަށާއި، ދެން އޭސީސީއަށް އައްޔަންކުރެވޭ ބޭފުޅުންވެސް، ޒިންމާ އަދާ ނުކުރައްވާނަމަ،ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން އެބޭފުޅުން ބޭރުކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319